ޕޯޗުގަލްގެ ކޯޗުކަމުން ފެނާންޑޯ ސަންޓޯސް އިސްތިއުފާ ދީފި

ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން، ފެނާންޑޯ ސަންޓޯސް އިސްތިއުފާ ދީފިއެވެ. ސަންޓޯސް ޕޯޗުގަލް ގައުމީޓީމުން އިސްތިއުފާ ދީފައިވާކަން ކަށަވަރު ކޮށްދީފައިވަނީ ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނ...

15 Dec 2022 | 19:36

ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން، ފެނާންޑޯ ސަންޓޯސް އިސްތިއުފާ ދީފިއެވެ.

ސަންޓޯސް ޕޯޗުގަލް ގައުމީޓީމުން އިސްތިއުފާ ދީފައިވާކަން ކަށަވަރު ކޮށްދީފައިވަނީ ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ރަސްމީ ބަޔާނެއްގައެވެ.

އެކަން ހާމަކޮށް ނެރުނު ބަޔާނުގައި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ ސަންޓޯސް ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗުކަމުން ވަކިވެފައިވާ ކަމަށާއި، ސަންޓޯސް ޕޯޗުގަލް ޓީމަށް ކޮށްދިން ޚިދުމަތަށް ޝުކުރުއަދާކުރާކަމަށެވެ.

މީގެ އިތުރުން ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ނަޔާނުގައި ބުނެފައިވަނީ ސަންޓޯސް އަކީ ޕޯޗުގަލްގެ ތާރީޚުގައި ފުޓްބޯޅައިން އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދައިދިން ފަރާތްކަމަށާއި އެކަން އަބަދަުވެސް އެ ފަރާތުން ފާހަގަކުރާނެކަމަށެވެ.

" ސަންޓޯސް ވަނީ ޕޯޗުގަލް ގައުމީޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފަ. ސަންޓޯސް ހޯދައިދިން ކާމިޔާބީއަށާއި ކޮށްދިން ޚިދުމަތަށް ޝުރު އަދާކުރަން. އަދި އެ ކާމިޔާބީތައް އަބަދުވެސް ހަނދާން ކުރާނަން." ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސަންޓޯސްގެ ބަދަލުގައި އެ މަޤާމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ސަންޓޯސް މަޤާމު ދޫކޮށްލީ ޕޯޗުގަލް ގައުމީޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ. ރޮނާލްޑޯއާއި ސަންޓޯސް އާއި ދެމެދު މައްސަލަ ހޫނިވި ކަމަށް ރިޕޯޓުތައް ބުނަނީ ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޮރެއާއާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުރި ހިސާބުންނެވެ. އެ މައްސަލައިގެ ސަބަބުން މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލްއިން  ސްވިޒަލެންޑް އާއި ދެކޮޅަށް ކުޅުނު މެޗާއި ކުއާޓާ ފައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ.

ކުއާޓާ ފައިނަލުގައި މޮރޮކޯއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ހިމަނާފައި ނުވާއިރު، އެ މެޗުން ރޮނާލްޑޯއަށް ފުރުސަތު ދީފައިވަނީ ފަހު ހާފުގެ 51 ވަނަ މިނެޓުގައެވެ. އެ މެޗުގައި މޮރޮކޯއިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މި ނަތީޖާއާއި އެކު މެޗު ނިމި ޕޯޗުގަލް މުބާރާތުން ވަކިވާން ޖެހުނެވެ.

މި މެޗަށް ފަހު ސަންޓޯސް މަގާމުން ވަކިވާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ދީފައެެވެ. އެއާއި އެކު ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން އެ މަޤާމު ފުރުމަށް ރޯމާ ކޯޗު ހޯސޭ މޮރީނިއޯއަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އަދި ރިޕޯޓުތައް ބުނާގޮތުން ދެން ޕޯޗުގަލް ޓީމާއި ހަވާލުވާނީ މޮރީނިއޯއެވެ. ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އޭނާ ޕޯޗުގަލް ޓީމާއި ހަވާލުވާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އުމުރުން 68 އަހަރުގެ ސަންޓޯސް ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާއި ހަވާލުވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭނާ ޕޯޗުގަލް ޓީމާއި ހަވާލުވި ފަހުން މިހާތަނަށް 109 މެޗު ކުޅުނުއިރު،67 މެޗުން ވަނީ މޮލުވެފައެވެ. އަދި 23 މެޗުން އެއްވަރުވިއިރު، ބަލިވެފައިވަނީ 16 މެޗުންނެވެ.

ސަންޓޯސް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި 2018/19 ވަނަ ސީޒަނުގެ ނޭޝަންސް ލީގު ޕޯޗުގަލް ޓީމަށް ކާމިޔާބު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް