ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަދު އާއްމުކުރާނެކަމަށް ބުނި ނަމަވެސް މުއްދަތެއް ނެތި ފަސްކުރިކަން ހާމަކޮށްފިއެވެ.
އެގޮތުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމާއި ގުޅިގެން މި މަސައްކަތް ނިންމުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ބުނެފައެއް ނުވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަގުތީ ލިސްޓާއި ރީ-އިވޭލުއޭޝަންއާއި ގުޅިގެން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އާންމުކުރާނެކަމަށާއި އަދި މި މަސައްކަތްތަކަށް އިތުރު މުއްދަތު ދިޔަކަމުގައިވީނަމަވެސް، ސަރުކާރުގެ މަގްސަދަކީ މި ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމާއެކު، މި ސްކީމްގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށްކަން ޔަގީން ކުރުން ކަމަށެވެ.
ނިމިމިދާ ހަފްތާގައި އެ ވުޒާރާގެ ވަޒީރު މީޑިއާއަށް ވިދާޅުވީ މި ހޮނިހިރު (މިއަދަކީ) ލިސްޓް އިއުލާނުކުރާނެ ދުވަސް ކަމަށެވެ. މިއީ މި ލިސްޓް އާންމުކުރުން އެ ވުޒާރާއިން ފަސްކުރި ތިންވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް