އިމާމުންނާއި މުދިމުންނަށް ހާއްސަ އުސޫލެއް އިސްލާމިކް މިނިސްޓްރީއިން އެކުލަވާލައި ގެޒެޓުކޮށްފިއެވެ.
"އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލު" މި ނަމުގައި ބުރާސްފަތި ދުވަހު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވާ މި އުސޫލުގައި އިމާމުންނަށް ގިނަ އިރުޝާދުތަކެއް ދީފައިވެއެވެ. އެގޮތުން އަމަލު އަހުލާގު ބަހައްޓަންވީގޮތާއި ކުރަންވާ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތައް އެ އުސޫލުގައި އެކުލަވާލާފައިވެއެވެ.
އުސޫލުން ފާހަގަކޮށްލެވޭ ބައެއް ކަންކަން
- ބަންގިގޮވުމާއި ނަމާދުކުރުން އެހެން މީހަކާ ހަވާލު ނުކުރުން
ނަމަވެސް، ރަސްމީ އިމާމަށްވުރެ އިލްމީގޮތުން ގާބިލު ފަރާތެއް ހާޒިރުވެ ހުރިނަމަ، އިމާމުވެ ނަމާދުކުރުން އެ ފަރާތަކާ ހަވާލުކުރާ ހާއްސަ ހާލަތްތަކާއި މިނިސްޓްރީގެ ހުއްދަޔާއެކު، ހާއްސަ ހާލަތްތަކުގައި، އެކަމަށް އެކަށީގެންވާ ހުނަރާއި ގާބިލުކަން ހުންނަ ކުއްޖަކު ނުވަތަ މީހަކު އަހުލުވެރިކުރުވުމުގެ ގޮތުން ބަންގިގޮއްވައި ނަމާދުކުރެވޭ ހާލަތްތައް އިސްތިސްނާވާނެކަމަށް ބުނެފައިވޭ.
- އިސްލާމީ މުޖްތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށިގެންވާފަދަ ހެދުމެއްގައި ހުރުން
- އިމާމުވެ ނަމާދުކުރާއިރު (ޖީންސް/ޓީޝާޓް) ފަދަ ތަކެތި ލައިގެން ނަމާދު ނުކުރުން
- ގަޔަށް ބާރު ހެދުން ލައިގެން ނަމާދު ނުކުރުން
- ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވުން
- މިސްކިތަށް ޖަމާއަތުގެ ނަމާދަށް ހާޒިރުވާ މައުމޫނުންނަށް ނަމޫނާއަކަށް ވާ ފަދަ ގޮތަކަށް ސާފުތާހިރުވެގެން ހުރުން
- ދީނީގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފައިވާ މިންގަނޑުތަކުގައި ހިފެހެއްޓުން
- ރައްޔިތުންނަށް އޮޅޭފަދަ ގޮތްގޮތަށް ދީނާ ގުޅުންހުރި ވާހަކަތައް ނުވަތަ މުޖްތަމައުގައި ފިތުނަފަސާދަ އުފެދޭ ފަދަ ނުވަތަ މުޖްތަމައުގެ އާންމު މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކާއި ވާހަކަތައް މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ލިޔެ ޝާއިއުކުރުމާއި އެފަދަ ޕޯސްޓްތައް އާންމުނުކުރުން ނުވަތަ އެފަދަ އަމަލުތައް ނުކުރުން ނުވަތަ އެފަދަ އަމަލުތަކުގައ ބައިވެރިނުވުން
- މުޖްމަތަމައުގައި ނަފްރަތު އުފެދޭ ފަދަ ގޮތަކަށް އާންމު ތަންތަނުގައްޔާއި މީސް މީޑިއާގެ ވަސީލްތަތަކުގައި ސާބިތުނުހިފޭ ވާހަކަ ނުދެއްކުމާއި އެފަދަ އަމަލުތައް ނުކުރުން
- ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިނގާ އަނިޔާވެރި އަމަލުތަކާއި ހަރުކަށި ފިކުރުތަކަށް ހިތްވަރުދީ ނެހެދުމާއި، އެފަދަ ކަމެއްގައި ބައިވެރިނުވުން
މީގެ އިތުރުން އެ އުސޫލުގައި ފާހަގަކޮށްފައިވާ ބައެއް ޒިންމާ ތަކާއި މަސްއޫލިއްޔަތުތަކަށް ބަލާލާއިރު
- ހުކުރު ހުތުބާއަށް އުނުއިތުރު ގެނެސްގެން ކިޔުމާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ހިލާފަށް ވަޢުޠާއި އިރުޝާދު ދޭނަމަ އެކަން އެންގުން
- ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު އެންގުން
- ހުއްދަ ލިބިގެން މެނުވީ އެއްވެސް ދީނީ ޕްރޮގްރާމެއް މިސްކިތުގައި އިންތިޒާމުނުކުރުމާއި އެފަދަ ޕްރޮގްރާމެއްގައި ބައިވެރިނުވުމާއި ހުއްދަނެތި އެފަދަ ކަމެއް ކުރާނަމަ އެންގުން
މި އުސޫލާ ހިލާފުވާ އިމާމުންނާއި މުދިމުންނަށް ފިޔަވަޅު އަޅާނެ ހާލަތްތަކާއި ގޮތްތައްވެސް މި އުސޫލުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް