އިޓަލީގެ ޔުވެންޓަސްއިން ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޔުވެންޓަސްއަށް ކުޅެނިކޮށް މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ސަސްޕެންޑް ކޮށްފައިވާ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ އެއްބަސްވުން ނިމުކަމަށް ގެނައުމަށް ނިންމާފައިވަނީ މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުން އެއްބަސްވެގެންނެވެ.
އުމުރުން 31 އަހަރުގެ ޕޮގްބާ މަނާ ބޭސް ބޭނުން ކުރި މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު ވަނީ ފުރަތަމަ ހަތަރު އަހަރަށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެ މައްސަލަ އޭނާ އިސްތިއުނާފަށް ހުށައަޅައިގެން އޭނާގެ ސަސްޕެންޝަނުގެ މައްދަތު ފަހުން ވަނީ 18 މަސް ދުވަހަށް ކުޑަކޮށްފަ އެވެ. ޕޮގްބާގެ ސަސްޕެންޝަން ގުނަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެންނެވެ.
އެހެންކަމުން އަންނަ ޖެނުއަރީ މަހު އޭނާއަށް ރަސްމީކޮށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭއިރު އަންނަ އަހަރުގެ މާޗު މަހުން ފެށިގެން އޭނާއަށް އަލުން ފުޓްބޯޅަ ކުޅުމުގެ ހުއްދަ ލިބިގެންދާނެ އެވެ.
ޕޮގްބާ އާއިއެކު ޔުވެންޓަސް އިން ހަދާފައިވާ އެއްބަސްވުން އުވާލުމާއިއެކު ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އޭނާއަށް ބޭނުން ކްލަބަކާއި ގުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޔުވެންޓަސް އިން ޕޮގްބާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަހަރަކު 6.9 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ދޭން ޖެހެއެވެ. ނަމަވެސް ހަތަރު އަހަރުގެ ސަސްޕެންޝަނާއެކު އޭނާގެ މުސާރަ ޔުވެންޓަސް އިން ވަނީ ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މަހަކު 2000 ޕައުންޑަށް ކުޑަކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ޔުވެންޓަސް އަށް ބަދަލުވުމަށްފަހު އެ ޓީމުގައި ހޭދަކުރި ފުރަތަމަ ހަތަރު ސީޒަނުގައި ޕޮގްބާ ވަނީ ސެރިއާ ޔުވެންޓަސް އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި ފްރާންސްގެ ގައުމީ ޓީމަށް 91 މެޗު ކުޅެފައިވާ ޕޮގްބާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެ ގައުމަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް