ރޮނާލްޑޯގެ މޮޅު ކުޅުމާއި އެކު މޮޅުވެ، ޕޯޗުގަލް ކުއާޓާ ފައިނަލަށް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗު 1-5 އިން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޕޯތުގަލް އިން ކަށަވަރުކޮށްފި އެވެ. ޖުމްލަ ހަތަރު ޓީމު ހިމެނޭ ލީގު އޭގެ ގްރޫޕް އ...

16 Nov 2024 | 03:10

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗު 1-5 އިން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޕޯތުގަލް އިން ކަށަވަރުކޮށްފި އެވެ.

ޖުމްލަ ހަތަރު ޓީމު ހިމެނޭ ލީގު އޭގެ ގްރޫޕް އެކެއްގައި ބާކީ އެއް މެޗު އަދި ކުޅެން އޮއްވާ ޕޯޗުގަލް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފަ އެވެ. އެއްވަނައިގައި ޕޯޗުގަލް އޮތްއިރު ދެވަނައިގައި އޮތް ކްރޮއޭޝިއާއަށް ފަސް މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. އަދި ޕޮލެންޑަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

ޕޯޗުގަލްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފަސް ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު ހާފުގައެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނުއިރު، ފަހު ހާފަށް ކުޅެން ނިކުމެ، ޕޯޗުގަލްއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދީ ލީޑުނަގައިދިނީ ނޫނޯ މެންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަފެއަލް ލެއާއޯއެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ރަފެއަލް ލިއާއޯ ލީޑުނަގައިދިން އިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑު ރޮނާލްޑޯ ޖެހީ ލިބުނު ޕެނަލްޓީއެއްގައި އެވެ.

ޕޯޗުގަލްގެ ތިންވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްދިން އިރު ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕެޑްރޯ ނެޓޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައިއެވެ.

ޕޯޗުގަލްގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑު އޭނާ ޖެހީ ބައިސިކަލް ކިކް އަކުންނެވެ. މި ލަނޑާއި އެކު ރޮނާލްޑޯ އޭނާގެ މުޅި ކެރިއަރުގައި ޖެހި ލަނޑުގެ އަދަަދު ވަނީ 910 އަށް އަރާފައެވެ.

މި މެޗުގައި ޕޮލެންޑުން ޖެހި ހަމަ އެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައި މާކްޒުކްއެވެ.

މި މުބާރާތުގެ ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް ދެން ނިކުންނާނީ ރަށުން ބޭރުގައި ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް