ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާނެކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންނެވެ.
އެގޮތުން ރައީސް ޔާމީނަށް އެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުން ދައުވަތު އަރުވާފައިވީނަމަވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގެންފިނަމަ އެ ޖަލްސާގެ ކަރާމާތަށް އުނިކަން ލިބިދާނެކަމަށް ގަބޫލުކުރެވޭތީ އެ ރަސްމިއްޔާތުގައި ބައިވެރިނުވާން ނިންމެވީ ކަމަށް ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި އެ ނިންމުން އެގޮތަށް ނިންމާފައިވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި ޖަލްސާއެއްގައި ބައިވެރިވުމުން ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބިދާނެކަމަށް ފެންނާތީ ކަމަށެވެ.
ވަކީލުންގެ ފަރާތުން މިފަދަ ވާހަކަތަކެއް ހާމަކުރި ނަމަވެސް އެ ދައުވަތަށް ރަސްމީ ޖަވާބެއް މަޖިލީހުގެ އިދާރާއަށް ލިބުނުކަން އެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 04:00ގައި ޖުމްހޫރީ މައިދާނުގައެވެ. ޖަލްސާގެ ކަންކަން އިންތިޒާމުކޮށް ބަލަހައްޓަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް