ދިރާގު ޓީވީ ހުއްޓާލަންޖެހޭގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި ގަވާއިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ބްރޯޑްކޮމްއަށް އަންގައިފިއެވެ.
އެ ގަވާއިދު އިސްލާހުކުރަން ބްރޯޑްކޮމްއަށް އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީންނެވެ. އެ ކޮމިޓީން ބްރޯޑްކޮމަށް މި އެންގުން އެންގީ ބްރޯޑްކޮމްގެ އިސްލާހު ދިރާސާކުރުމަށްފަހައެވެ.
ބްރޯޑްކޮމްއިން ގެނެސްފައިވާ އިސްލާހުގައިވާގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖޭގައި ރީ ބްރޯޑްކާސްޓް ކުރެވޭނީ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ.
މި އިސްލާހު ބްރޯޑްކޮމްއިން ގެނައުމާއެކު ބްރޯޑްކޮމްއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެންދިޔައެވެ. އަދި މި އިސްލާހަކީ މީޑިއާނެޓަށް އެ ދާއިރާ މޮނޮޕޮލީ ކުރުމަށް ދޭ ފުރުސަތެއް ކަމަށް ތުހުމަތުކޮށް ބްރޯޑްކޮމްގެ ބައެއް މެންބަރުންނަށް ކޮރަޕްޝަންގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ކޮށްފައިވެއެވެ.
ގަވާއިދު ކޮމިޓީގެ އިތުރުން މަޖިލީހުގެ އިތުރު ބައެއް ކޮމިޓީތަކުންވެސް ހަމަ މި މައްސަލަ ބަލަމުން އަންނައިރު ބްރޯޑްކޮމްގެ އިސްލާހު އޮތް ގޮތަށް އޮންނަ ނަމަ އަންނަ އަހަރުގެ ޖަނަވަރީގައި ދިރާގު ޓީވީ ހުއްޓާލަން ޖެހޭނެއެވެ.
ނަމަވެސް ދިރާގުން ވަނީ އެ މައްސަލަ ކޯޓަށް ވެސް ވައްދާފައެވެ. އަދި ސިވިލް ކޯޓުންވެސް ވަނީ އެ ގަވާއިދުގެ އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް