ވައިގެ މަގުން ރާއްޖެ އެތެރެ ކުރި 15 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އެ އިދާރާ އިން މިއަދު ބުނީ އެ މަސްތުވާތަކެތި އެތެރެކުރީ ބްރެޒިލުން ރާއްޖެ އައި އުމުރުން 29 އަހަރުގެ މީހެއް ކަމަށެވެ. އެތަކެތި އެތެރެ ކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ކަސްޓަމްސްއިން ބުނީ އިތުރަށް ބެލުމަށް ނިންމީ އޭނާ ގެނައި ލަގެޖުގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން ކަމަށެވެ. އެ ތަކެތި އިތުރަށް ބަލައި ތަހުލީލު ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ބުންޏެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.5 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.
އެ މީހާ އާއި މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސްއިން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ޖުމްލަ 17 ކިލޯގެ ކޮކެއިން އަތުލައިގަނެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް