ފްރާންސްގެ ފޯވާޑް އެންކުންކޫއަށް އަނިޔާވެ އޭނާއަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ. ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މިއަދު ވަނީ އެންކުންކޫގެ ބަދަލުގައި ވޯލްޑް ކަޕް ސްކޮޑަށް ކޯލޯ މުއާނީ ނަގާފައެވެ.
އިއްޔެ ފްރާންސުން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި އެންކުންކޫއަށް އަނިޔާވީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ އެޑުއާޑޯ ކަމަވިންގާގެ ޓެކުލްއަކުންނެވެ. އޭނާގެ ބަދަލުގައި މުއާނީ ސްކޮޑްގައި ހިމެނީ މިއަދު ފްރާންސް ޓީމު ގަތަރަށް ފުރުމުގެ އިރުކޮޅެއް ކުރިންނެވެ.
ފްރާންސްގެ ފެޑެރޭޝަނުން އެންކުންކޫގެ އަނިޔާއާމެދު ރަސްމީ ބަހެއް ނުބުނި ނަމަވެސް، އާންމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި، ކަމަވިންގާގެ ޓެކުލްއާއެކު އެންކުންކޫ ވެއްޓުމާއެކު އޭނާ ކަކުލުގައި އަތް އަޅައި، ވަރަށް ބޮޑަށް ތަދުވެގެން އުޅޭކަމުގެ އިޝާރާތްކުރެއެވެ. އެއަށްފަހު މެޑިކަލް ސްޓާފުންގެ އެހީތެރިކަމާއެކު އޭނާ ދަނޑުން ފޭބީ ވެސް ކޮރުޖަހަމުންނެވެ.
އުމުރުން 25 އަހަރުގެ އެންކުންކޫއަކީ ފާއިތުވި ސީޒަންގައި ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެ ސީޒަންގައި 35 ލަނޑު ޖަހާ 14 އެސިސްޓް ހެދިއިރު، މި ސީޒަންގައި މިހާތަނަށް ކުޅުނު 23 މެޗުން ވަނީ 17 ލަނޑު ޖަހާފައެވެ. އެހެންކަމުން އެންކުންކޫ ނެތުމަކީ ފްރާންސް ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
އެންކުންކޫގެ ބަދަލުގައި ޓީމަށް ނެގި މުއާނީ މި ސީޒަންގައި ފްރެންކްފާޓާއެކު އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ 2 މެޗެވެ.
ތަށި ދިފާއުކުރުމަށް މި ފަހަރުގެ ވޯލްޑްކަޕާ ފްރާންސް ކުރިމަތިލާއިރު، އަނިޔާގެ މައްސަލަތައް ވަރަށް ބޮޑެވެ. ޕައުލް ޕޮގްބާ، އެންގޯލޯ ކާންޓޭ އަދި ޕްރެސްނެލް ކިމްޕެމްބޭ އަށް ވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގެ ފުރުސަތު ވަނީ ގެއްލިފައެވެ. އަނެއްކޮޅުން ސްކޮޑްގައި ހިމެނޭ ސެންޓަރ ބެކް ވެރޭން އަދި ފޯވާޑް ބެންޒެމާ އަދިވެސް މުޅިން ފިޓެއް ނޫނެވެ.
ފްރާންސް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި 22 ނޮވެމްބަރުގައި ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް