ހއ. ތަކަންދޫ ނަދީމް އިބްރާހިމް މަރާލި މައްސަލައިގަ ދައުވާ ކުރި މީހުން ސަލާމަތްވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި އެވެ.
އޭނާ މަރާލީ މާލޭ ޓާމިނަލް ކެފޭ ތެރޭގައި އިންދަ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. އޭނާ މަރާލި މައްސަލާގައި ހަތަރު މީހަކާއި ދެކޮޅަށް ދައުލަތުން ދައުވާކުރި އެވެ.
އެއީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްއެވެ.
އެ އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.
ޕީޖީ އޮފީހުންގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރާނެ ކަމަށެވެ.
ނަދީންގެ މަރުގެ މައްސަލައިގަ ދައުވާކުރި އެންމެން ސަލާމަތްވުމުން ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެމީހުން ސަލާމަތްވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުރިން ދައުވާ އުފުލި މީހުންނާއި ދެކޮޅަށް ހެކިބަސް ދިން މީހުން ހެކި ބަސް ބަދަލު ކުރުން ހިމެނެ އެވެ.
ކުރިން ހެކިބަސް ދިން މީހުން ވަނީ ހަމަލާދިން މީހުން ޔަގީން ނުވާކަމަށްބުނެ ކޯޓަށް ސިޓީ ފޮނުވާފައި އެވެ. އެހިސާބުން ހެކިބަހާ މެދު ޝައްކު އުފެދިފައިވާތީ ނިންމާފައިވަނީ ދައުވާލިބޭ މީހުންނާއި ދެކޮޅަށް ކުށް ސާބިތު ނުވާ ކަމަށެވެ.
އެ މައްސަލައިގެ ޝަރީއަތްތަކުގައި މީގެ ކުރިން ފުލުހުން ވަނީ އެ މައްސަލައިގަ ހެކިބަސް ދިނުމުން މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގި ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް