އާސާރީ ބިނާތަކުގައި ދާއިމަަށް އެއްވެސް ދިދައެއް ނުނަގާނަން: ޔުމްނާ

ރާއްޖޭގެ އާސާރީ ބިނާތަކުގައި ދާއިމަށް އެއްވެސް ދިދައެއް ނުުނަގާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ...

16 Nov 2022 | 05:04

ރާއްޖޭގެ އާސާރީ ބިނާތަކުގައި ދާއިމަށް އެއްވެސް ދިދައެއް ނުުނަގާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި ޖަވާބުދެއްވީ މެދުވިޔާރަތުގައި މި ދޭތެރެއިން ހުދު ދިދައެއް ނެގުމަށް ފަހު ބޭލީ ކީއްވެތޯ ސުވާލު ކުރުމުންނެވެ.

މިނިސްޓަރު ވިދާޅުވީ މެދު ޒިޔާރަތުގެ އާބާތުރަ ފިލުވައި އެތަނަށް ބަދަލު ތަކެއް ގެންނަމުންދާ ކަމަށެވެ. އަދި އެތަން ޒީނަތްތެރި ކުރުމަށް އެ މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެކަމަކު ދާއިމަށް އެ ޒިޔާރަތުގައި ދިދަ ނެގުމަކީ ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެތަނުގައި ހުދު ކުލައިގެ ދިދައެއް ނެގީ ހުކުރު ދުވަހު ފާހަގަ ކުރި ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ކަަމަށެވެ. ކުރިން ނިންމާފައި އޮތް ގޮތަށް އެ ދުވަސް ނިމުމުން ދިދަ ބޭލީ ކަމަށާއި އެއްވެސް އާސާރީ ތަނެއްގައި ދާއިމަށް ދިދަ ނުނަގާނެ ކަމަށެވެ.

ޔުމްނާ ވިދާޅުވީ ދާއިމަށް ދިދަ ނުނެގޭނީ ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާތީ ކަމަށެވެ. އޭގެ އިތުރުން ތާރީހަށް ބަލާއިރުވެސް އެގޮތަށް އަމަލުކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.

މެދު ޒިޔާރަތުގައި ދިދަ ނެގުން ވީ ދީނީ އިލްމުުވެރިންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި ކަމަކަށެވެ. ގިނަ ބަޔަކު ހީކުރީ ދިދަ ބޭލީ އެ ފަރާތްތަކުގެ ފާޑުކިޔުންތަކާއި ހެދި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް