މިފަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންނަކީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާއި ބްރެޒިލް އަދި އިންގްލެންޑް ކަމަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.
މިފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރާނީ ކޮން ޓީމެއްތޯ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން މެސީ ބުނީ މިފަހަރުގެ މުބާރާތަކީ އެހެން މުބާރާތްތަކާއި އަޅާ ބަލާއިރު ތަފާތު ފެނިގެން ދާނެ މުބާރާތެއް ކަމަށާއި މިފަހަރުގެ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކީ ވެސް ވަރުގަދަ ޓީމުތަކެއް ކަމަށެވެ. އެހެން ކަމުން މުބާރާތް ކާމިޔާބު ކުރާނެ ވަކި ޓީމެއް ބުނަން ނޭންގޭ ކަމަށް މެސީ ބުންޏެވެ.
ނަމަވެސް މި މުބާރާތް ކާމިޔާބު ކުރާނޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ މުބާރާތ7ގެ ފޭވަރިޓުންގެ ތެރެގައި އިންގްލެންޑާއި ފްރާންސް އަދި ބްރެޒިލް ހިމެނޭ ކަމަށް މެސީ ވަނީ ބުނެފައެވެ.
މެސީ ބުނީ އޭނާގެ ޓީމު އާޖެންޓީނާ އަކީ ވެސް ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ކަމަށާއި އެހެންކަމުން މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވޭނެ ހާ ފެންވަރު ޓީމުގައި އެބަހުރިކަމަށެވެ. އިތުރަށް މެސީ ބުނީ އާޖެންޓީނާ ވަނީ ވޯލްޑް ކަޕާއި ހަމައަށް އައި އިރު، ބަލިނުވެ 35 މެޗު ހަމަކޮށްފައިކަމަށާއި، ބަލިނުވެ މި އަންނަ ސިލްސިލާ އާއި އެކު ވޯލްޑް ކަޕްވެސް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކެރިއަރުގެ ފަސްވަނަ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، މި ފަހަރުގެ މުބާރާތަކީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕް މުބާރާތެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތުގެ ތަށި އުފުލާލުމަކީ މެސީއާއި އޭނާގެ ޓީމުގެ އެންމެ ބޮޑު އުންމީދަށް ވާނެއެވެ.
މެސީއަށް އާޖެންޓީނާއާއި އެކު މިހާތަނަށް ވޯލްޑް ކަޕް ތައްޓެއް ހޯދިފައި ނުވާއިރު، އޭނާ ވަނީ ދެކުނު އެމެރިކާ ސަރަހައްދީ އެންމެ ބޮޑު ފުތްބޯޅަ މުބާރާތް ކަމުގައިވާ ކޮޕަ އެމެރިކާގެ ތަށި އާޖެންޓީނާއާއި އެކު އުފުލާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް