ރަޝިޔާއިން ފޮނުވާލިކަމަށް ބެލެވޭ ދެ މިސައިލެއް ޕޮލެންޑްގެ ޕާޒަވޮޑޯ އަވަށަށް އަމާޒުވެ ދެ މީހަކު މަރުވެފައިވާކަމުގައި ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ޕޮލެންޑުގެ އިރުމަތީ ބިތުގައި އޮންނަ ޕާޒަވޮޑޯ އަވަށަކީ ޔޫކްރޭން ބޯޑަރާވީފަޅީގައި އޮންނަ އަވަށެވެ. އެ އަވަށަށް ދެ މިސައިލެއް އަމާޒުވެ ދެމީހަކު މަރުވެފައިމިވަނީ ރަޝިޔާއިން މިހާތަނަށް ޔޫކްރޭނަށް ދިން އެންމެ ވަރުގަދަ މިސައިލު ހަމަލާވެސް ދިން ދަނޑިވަޅުގައެވެ.
ޕޮލެންޑަކީވެސް ނޭޓޯ ގައުމަކަށްވާއިރު މި ހަމަލާ ދިނީ ސީދާ ރަޝިޔާއިން ކަމުގައި ތުހުމަތުކޮށް ނޭޓޯގެ ބައެއް ގައުމުތަކުގެ ވެރިން ވަނީ މި ހަމަލާ ކުށްވެރިކޮށް ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.އެ ގައުމުތަކުގެ ތެރޭގައި ބެލްޖިއަމް، ޗެކް ރިޕަބްލިކް، އެސްޓޯނިއާ، ލެޓްވިއާ އަދި ހަންގޭރީ ހިމެނެއެވެ. މިކަމުގެ ތެރެއަށް މިހާރު އެމެރިކާގެ ޕެންޓެގަނުންވެސް ވަދެފައިވާއިރު ޕެންޓެގަނުން ބުނެފައިވަނީ ނޭޓޯ މެންބަރު ގައުމަކަށް އަމާޒުވި މި ހަމަލާ ޕެންޓެގަނުންވެސް ތަހުގީގުވެސް ކުރަމުން އަންނަކަމަށެވެ.
މި ހަމަލާއާއި ގުޅިގެން ޕޮލެންޑްގެ ރައީސް އަންދްރްޒޭޖް ދޫދާ ވިދާޅުވެފައިވަނީ އެ ހަމަލާ ދިނީ ސީދާ ކޮން ގައުމަކުންކަން ކަށަވަރު ނުވާކަމަށާއި ނަމަވެސް އެއީ ރަޝިޔާގެ މިސައިލު ހަމަލާއެއްކަމަށް ބުރަވެވޭކަމަށެވެ.
މި ހަމަލާއާއި ގުޅޭގޮތުން ރަޝިޔާއިން ބުނެފައިވަނީ އެއީ މަސްރަހު އިތުރަށް ހޫނުކުރަން ދައްކާ ވާހަކަ ކަމަށާއި ޕޮލެންޑަށް ހަމަލާއެއް ދީފައިނުވާނެކަމަށެވެ.
ކޮންމެއަކަސް ޕޮލެންޑަށް ދެ މިސައިލެއް އަމާޒުވެ ދެމީހަކު މަރުވެފައިވާއިރު ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ މަސްރަހު އިތުރަށް ގޯސް އެހެން ގައުމުތަކުން މި ހަނގުރާމައިގެ ތެރެއަށް ވަދެދާނެކަމުގެ ބިރު މިހާރު މިވަނީ އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް