އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށް ސަރުކާރުން އަންނަނީ އެހީތެރިވަމުން: ރައީސް ސޯލިހު

އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށް ސަރުކާރުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރ...

16 Nov 2021 | 17:50

އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށް ސަރުކާރުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މި ޙަލްގާއި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް އޮންނާނެ ކަމަށެވެ.

ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދަށް ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވަނީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، އިޤްތިޞާދު ރަނގަޅުވާން ފަށާފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ނިސްބަތް ހުރީ، ކޯވިޑްގެ ކުރިން ޢާންމުކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައި ބަލާއިރު 70 އިންސައްތައިގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކޯވިޑްގެ ސަބަބުން ކުރިމަތިލާންޖެހުނު ގެއްލުންތައް ފޫބައްދައި އިޤްތިޞާދު ދެމެހެއްޓުމުގައި ވިޔަފާރިތަކުން އަދާކުރި މުހިންމު ދައުރު ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ހަމަ އެހެންމެ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ބޮޑެތި ވިޔަފާރިތަކާ ކުދި ވިޔަފާރިތަކަށް ވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޙަފްލާގައި އެވޯޑް ޙާޞިލްކުރި ވިޔަފާރިތަކަކީ، އީޖާދީ، އުފެއްދުންތެރިކަމާއެކު ކުރިމަގަށް ވިސްނައިގެން ހިންގާ ނަމޫނާ ވިޔަފާރިތަކެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުންޏެއް ހޮވައި ދޭ އެވޯޑެކެވެ. މި ޙަފްލާގައި މި ފަހަރު މިއެވޯޑް ޙާޞިލުކުރި 100 ކުންފުންޏަށް އެވޯޑް ހަވާކުރެވުނެވެ. އަދި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ގޯލްޑް 100" މެގަޒިން ރަސްމީގޮތުން ނެރެދެއްވާފަ އެވެ.

މީގެ އިތުރުން މި ޙަފްލާގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޙާޞިލުކުރި ދެ ބޭފުޅުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ.

މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެލެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް