މަހްމޫދުގެ މަރާއިގުޅިގެން ސާލިމް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ނެރެފި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު 57އ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދ...

16 Nov 2021 | 13:10

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު 57އ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ނެރެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ސާލިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އިއްޔެ ކޯޓުން އަމުރު ނެރެފައިވާ ކަމުގަ އެވެ. އަދި މިހާރު ކުރިއަށްދަނީ ތަހުގީގުގެ ފުރިހަމަކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

ފުލުހުން ބުނީ އަންނަ ހަފްތާގެ ތެރޭގައި ތަހުގީގު ފުރިހަމަކޮށް އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.

ސާލިމް ފުލުހުންގެ ބަންދުގައި ހުއްޓާ ފާޚާނާ ތެރެއަށް ވެއްޓި އަތް ބިންދައިގެން ގޮސް ގެން މިދިޔަ ހަފްތާގެ ތެރޭގައި އައިޖީއެމްއެޗް އިން ފަރުވާ ހޯދާފައިވާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައި ވެއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުއްޓެވެ. އަދި ވަޅުން ނެގި ވަގުތު ވަރަށް ގިނަ ލޭ ފޭބި އެވެ.

މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ހައްޔަރުކުރީ އޮކްޓޯބަރުމަހުގެ 16 ވީ ހޮނިހިރު ދުވަހު އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

ސާލިމަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ގެޔާ ކައިރި ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސްފައި ހުންނަ މީހެކެވެ.

ފުލުހުން ބުނެފައިވަނީ ސާލިމް ފިޔަވައި އިތުރު އެއްވެސް މީހަކު މަހުމޫދު މަރާލުމުގައި ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމުގަ އެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މަހްމޫދު މަރާލީ، ފައިސާ ދިނުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް