ކޮވިޑަށްފަހު ތައިލެންޑުގެ ބޯޑަރުތައް ހުޅުވާލުމުން އެއަރ އޭޝިއާގެ ފުރަތަމަ މަންޒިލަކަށް ރާއްޖެ ހަދަައި، ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މެލޭޝިއާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ އެއަރ އޭޝިއާ އިން ބުނީ ދަތުރުތައް ކުރާނީ ބެންކޮކުގެ ޑޮން މުއެންގް އެއަރޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އަށް ކަމަށެވެ.
އެ ދަތުރުތައް އަންނަ ޑިސެމްބަރ މަހުގެ 22 ގައި ފެށުމަށް ނިންމާފައިވާ އިރު، ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހު ދަތުރުތައް ކުރުމަށް ވަނީ ތާވަލު ކޮށްފަ އެވެ.
މި ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ޚާއްސަ ފެއަރއެއްގެ ގޮތުގައި މިމަހުގެ 28ގެ ކުރިން ޓިކެޓް ނަގާ މީހުންނަށް އެއްކޮޅަށް 1،990 ތައި ބާޓު ނުވަތަ 939 ރުފިޔާއަށް ޓިކެޓް ގަނެވޭނެ އެވެ.
ކޮވިޑަށް ފަހު ބައިނަލްްއަގުވާމީ ދަތުރުތައް ފަށާ ފުރަތަމަ މަންޒިލަކަށް ރާއްޖެ ހެދީ ކޮވިޑަށްފަހު އެންމެ ވަރުގަދައަށް ތެދުވި އަދި ގިނަ ބައެއްގެ ޝައުގުވެރިކަން އޮތް ގައުމަކީ ރާއްޖެއަށްވާތީ ކަމަށް ތައި އެއަރ އޭޝިއާގެ ސީއީއޯ ސަންތިސުކް ލޮންޗަޔާ އެ ގައުމުގެ ނޫސްތަކަށް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވިކަމަށް ތައި ނޫސްތަކުގައި ބުނެފައިވަނީ ރާއްޖެ އޮތީ ހުރިހާ ޓޫރިސްޓުންނަށް ހުޅުވާލާފައި ކަމަށާއި ވިޔަފާރިތައް ވަނީ މެހެމާނުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ.
ކަރަންޓީނާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ އިރު، ވިސާ ވެސް ނަގާކަށް ނުޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑަށްފަހު ތައިލެންޑުގެ ބޯޑަރުތައް ވަކި ގައުމުތަކަކަށް މިމަހުގެ އެކަކުން ފެށިގެން ހުޅުވާލަފައިވާ އިރު، ކަރަންޓީނާ ނުލައި މިހާރު ދިވެހިންނަށް ތައިލެންޑަށް ދެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް