ސިޔާސީ މަޤާމުތަކުގައިވެސް ތިއްބަވަނީ ދިވެހި ރައްޔިތުން ކަމަށާއި އެމީހުންގެ މުސާރަ ކަނޑައިގެން ނުވާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ނުވަތަ ފައިސާ ޗާޕް ކުރުމުގެ ހުއްދަ އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ މަޖިލީހުގައި އެދިވަޑައިގެން ފޮނުއްވި ސިޓީއާއި ގުޅިގެން މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ގުޅިގެން ނެވެ.
ޝަރީފް ވިދާޅުވީ ފައިސާ ޗާޕްކުރުމާއި ދެކޮޅަށް ވާހަކަދައްކާ މެންބަރުން އުޅެނީ ޢާއިލާތަކަށް ލިބޭ ކުޑަ މުސާރަ އަތުލުމަށް ކަމަށެވެ.
"ސިޔާސީ މަޤާމުތަކުގައިވެސް ތިއްބަވަނީ ދިވެހި ރައްޔިތުން. އެމީހުންގެ މުސާރަ ކަނޑައިގެން ނުވާނެ. އެމީހުންނަށްވެސް ވަޒީފާ ދޭންޖެހޭ. ސިޔާސީ މީހުންނަށް ލިބޭ މުސާރައަކީވެސް އެތައް އާއިލާއަކަށް އެކަމުގެ އަސަރުކުރާ އެއްޗެއް." ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ މިވަގުތު ފައިސާ ޗާޕްކުރުމަކީ އެކަމުގެ ސަބަބުން ޑޮލަރުގެ އަގާއި އިންފްލޭޝަން މަތި ވިޔަސް، އިޤްތިޞާދު ރީބައުންޑު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ސަރުކާރު ހިންގަން ތިބި ބައެއްގެ މަސްއޫލިއްޔަތެއް ހުއްޓުނަ ނުދީ، ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތާއި ގައުމުގެ އިގްތިޞާދު އަލުން އާރާސްތުކޮށް ބިނާކޮށް، އިހުހުރި މަގަށް ގެނައުމަށް މަސައްކަތްކުރުމަށް ކުރެވޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ އަނެއްކާ ވެސް އިތުރުކުރަން ހުށަހެޅުމުން ތަކެތީގެ އަގު އުފުލޭނެކަމަށް ބުނެ މި މައްސަލައަށް ވާހަކަ ދެއްކި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޚާއްސަކޮށް އިދިކޮޅު މެންބަރުން ވަނީ ފައިސާ ޗާޕް ކުރުމުގެ ބަދަލުގައި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި މީހުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް