50 މެމްބަރުންގެ ވޯޓާއެކު ނަފްރަތުގެ ބިލު ފާސްކޮށްފި

50 މެމްބަރުންގެ ވޯޓާއެކު ނަފްރަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިބިލަކީ އާންމު ތަންތަނުގައި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ގޮވުމަކީ ޖިނާއީ ކުށަކަށް ވާ ހާލަތު ތަފްސީލްކޮށް ގާނޫނ...

16 Nov 2021 | 08:30

50 މެމްބަރުންގެ ވޯޓާއެކު ނަފްރަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިބިލަކީ އާންމު ތަންތަނުގައި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ގޮވުމަކީ ޖިނާއީ ކުށަކަށް ވާ ހާލަތު ތަފްސީލްކޮށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސަައިން ހުށަހެޅުއްވި ބިލެކެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރައްވާ ހިސާން ހުށަހެޅުއްވި މި ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ފާސްކުރީ 50 މެންބަރުންގެ ވޯޓުން ނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެެވެ.

މި ބިލުގައި ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން ހުށަހަޅާފައިވާ އިރު، އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަ އެވެ.

މި ބިލް ކޮމިޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

އިސްލާމް ދީނުގެ އުސޫލުތައް ބަޔާން ކޮށްދިނުމަކީ ކުށަކަށް ނުވާނެކަން ބަޔާން ކުރާ މާއްދާއެއް ކޮމިޓީން ވަނީ ބިލަށް ވަނީ އިތުރުކޮށްފަ އެވެ. މި ގޮތުން ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ބަޔާން ކުރުމާއި މުންކަރާތްތައް ނަހީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އޭގައި ވެއެވެ.

މީގެ އިތުރުން މީހަކު ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް، ޖިނާއީ ކުށަކަށް ވުމަށް ހާލަތްތަކާއި ޝަރުތުތަކެއް ހިމަނާފައި ބިލަށް އެ ބައިތައް އިތުރުކޮށްފައި ވެއެވެ.

އޭގެ ފުރަތަމަ ހާލަތަކީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލަައެއްގައި އޭގެ ތެރެއިން އަހުލުއް ސުންނާ ވަލް ޖަމާއާގެ މުއުތަބަރު ރައުޔަކާ ޚިލާފު ނުވާ ގޮތަށް ދައްކާ ވާހަަކައަކާ ގުޅުވާ ތުހުމަތު ކުރާ ހާލަތެވެ. އެ ހާލަތުގައި އެމީހާ ދެއްކި ވާހަކައާއި ގުޅުވާ އޭނާއަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްްމު ތަނެއްގައި ސިފަކުރުމަކީ ކުށެކެވެ.

ދެވަނަ ހާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު ކާފަރެއް ނުވަތަ މުރުތައްދެއްގެ ގޮތުގައި ސިފަކުރާ ހާލަތެވެ.

ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފަހުން އަނެއްކާވެސް އަނބުރާ ކޮމެޓީއަށް ފޮނުވާލީ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އެބިލާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން ވަަނީ އަލުން އިސްލާހުތަކެއް ވެސް ފޮނުވާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް