ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓު މެނޭޖްކުރަން ދަތިވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަ ކުރަން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ މަޖިލީހުން ސަރުކާރަށް ފައިސާ ޗާޕު ކުރުމަށް ދީފައި އޮތް ހުއްދައިގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާތީ އެކަމާއި ކަންބޮޑުވުންފާޅުކޮށް ވާހަކަ ދައްކަވަމުން ނެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ބަޖެޓް ބޮޑުކޮށްފައި އޮއްވާ ފައިސާ ޗާޕު ކުރާ މުއްދަތު އިތުރުކުރަން ހުށަހެޅުމުން ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށެވެ.
އޭނާ ވަނީ މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ، އެހެން މެންބަރުގެ ފަރާތުން އެކަން ފާސް ނުކުރުމަށް ގޮވާލައްވާފަ އެވެ.
ފައިސާ ޗާޕު ކުރާ މުއްދަތު އިތުރު ކޮށްފިނަމަ ލިބިދާނެ ބައެއް ގެއްލުންތައް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް އެކަން ކޮށްފިނަމަ ދިވެހި ފައިސާގެ އަގު ދަށަށް ގޮސް، ޑޮލަރުގެ ރޭޓް މަތިވެ، ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗައް ގޮސްދާނެ ކަމަށެވެ. އަދި މިކަމުގެ ހުރިހާ ތަކުލީފެއް އުފުލަން ޖެހޭނީ އާންމު ރައްޔިތުން ކަމަށެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މި ހާލަތުގައި ބަޖެޓު މެނޭޖު ކުރަން ދަތިވާނަމަ، ސިޔާސީ މީހުން މަދުކުރުމަށާއި، ދައުލަތުގެ ރިކަރަންޓު ޚަރަދު ކުޑަ ކުރުމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް މަޤާމްތަކުގައި ތިބޭ ފަރާތްތަކުގެ މުސާރަ ކުޑަ ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ފައިސާ އޯވަޑުރޯ ކުރަން ދީފައިވާ މުއްދަތު އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު އެއް އަހަރަށް އިތުރުކޮށްދިނުމަށް މަޖިލީހުގައި އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް