ފ. ނިލަންދޫގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާތަކުން އިންތިޒާމުކޮށްގެން މިއަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން
ރ. ދުވާފަރުގައި ތިބި ހަކުރުބަލީގެ މީހުންނަށް 100 ގުލްކޯމީޓަރު ހަދިޔާކޮށްފި އެވެ.
މިޙަރަކާތަކީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ނިލަންދޫގައި އުފެދިފައިވާ ކްލަބް ޖަމިއްޔާތަކުން މިއަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުވާފަރާއި ނިލަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ.
ނިލަންދޫ ކްލަބް ޖަމްޢިއްޔާތަކުން އިންތިޒާމުކޮށްގެން ދުވާފަރު ޞިއްޙީ މަރުކަޒާއި ދުވާފަރު ކައުންސިލާއި ގުޅިގެން ދުވާފަރު ޕްރީސްކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަކުރިޔަށް ގެންދެވިފައިވަނީ ހަކުރުބަލި ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ގޭގައި ތިބެގެން ޓެސްޓް ކޮށްލެވޭނެ ގުލްކޯ މީޓަރު ހަދިޔާ ކުރުމުގެ ޙަރަކާތެވެ.
މިގޮތުން ހަކުރުބަލި ހުންނަ ފަރާތްތަކަށް ހަދިޔާ ކުރުމަށް 100 ގުލްކޯ މީޓަރު ދުވާފަރު ޞިއްޙީ މަރުކަޒާއި ޙަވާލުކޮށްފައިވާ އިރު، ހަކުރު ބައްޔަށް މީހުން ސްކްރީން ކުރުމަށް ބޭނުންވާ 500 ސްޓްރިޕް ވެސް ދުވާފަރު ޞިއްޙީ މަރުކަޒަށް ވަނީ ހަދިޔާ ކޮށްފަ އެވެ. އެއަށްފަހު ހަކުރުބަލީގެ މީހުންނަށް ކޮންމެހެން އެނގެން ޖެހޭ ކަމާއި ގުޅުންހުރި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މީގެ އިތުރުން ދުވާފަރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ވެސް މަޢުލޫމާތު ދިނުމުގެ
ސެޝަނެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. މިސެޝަންތައް ކުރިޔަށް ގެންގޮސްދެއްވީ ކަމުގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި
ބޭފުޅުން ނެވެ.
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫ ސްޕޯރޓްސް ކްލަބް، ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ، ނިލަންދޫ ޔަންގް ޖެނެރޭޝަން، ސްޕަރ ޖެނެރޭޝަން ކްލަބް، ޑޯން ޖަމްޢިއްޔާ، ފ.އަތޮޅު ކައުންސިލް، ނިލަންދޫ ކައުންސިލް އަދި ލ. އަތޮޅު ހޮސްޕިޓަލާއި ނިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ފ.ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް