އާބާދީ އިތުރުކުރުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދެނީ ބީރު ކަންފަތެއް

އާބާދީ އިތުރުކުރުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދެނީ ބީރު ކަންފަތެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެ ގައުމުގެ ނޫސްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ޗައިނާ މީހުން ކައިވެނ...

16 Nov 2021 | 06:08

އާބާދީ އިތުރުކުރުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދެނީ ބީރު ކަންފަތެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ގައުމުގެ ނޫސްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ޗައިނާ މީހުން ކައިވެނިކޮށް އާބާދީ އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ ޕްރގްރާމުތަކެއް ހިންގަމުން ނެވެ. އަދި އެކަމަށް ހޭލުންތެރި ކުރުވުމަށް ވެސް މަސައްކަތަތަކެއް އަންނަނީ ކުރަމުން ނެވެ.

އެހެންނަމަވެސް މިއަހަރުގެ ތިން ކުއާޓަރގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރަށް ވުރެން މިއަހަރު، މީހުންނާ އިނދެފައިވާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. ތިންވަނަ ކުއާޓަރގައި މީހުންނާ އިނދެފައިވާ މީހުންގެ އަދަދަކީ 1.72 މިލިއަނެވެ.

ޗައިނާ ސަރުކާރުން އެ ގައުމުގެ އާބާދީ އިތުރުކުރުމަށް މަސައްކަތް ފަށާފައިމިވަނީ އާބާދީ މަދުވަމުން ދިއުމާއި މުސްކުޅިންގެ އާބާދީ އިތުރުވަމުން އަންނާތީ އެވެ.

މީގެ ކުރިން އެ ގައުމުގެ ސަރުކާރުން ނިންމާފައިވަނީ ކޮންމެ ޢާއިލާއަކަށް އެންމެ ދަރިއަކު ހޯދުމުގެ އުސޫލެވެ. އެކަމަކު މިއީ މިވަގުތަށް އެންމެރަނގަޅު އުސޫލު ނޫންކަން ވިސްނޭތީ އެ އުސޫލު ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ފެށީއެވެ.

އެ ގައުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ ޢާއިލާއަކަށް އެންމެ ދަރިއަކު ހޯދުމުގެ އުސޫލުން އެގައުމުގައި އަހަރަކު 13 މިލިއަން ކުދިން ވައްޓާފައި ވެއެވެ.

އެ ގައުމުގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުން ކައިވެނިކޮށްގެން އުޅޭ އާބާދީގެ 34 އިންސައްތަ މީހުން ދަރިން ހޯދަން ވެސް ބޭނުމެއް ނުވެ އެވެ. އެގޮތަށް ދަރިން ހޯދަން ނުވިސްނާ ކަމަށް ބުނަމުން ދަނީ 1995 އާއި 2009އާ ދެމެދު އުފަންވެފައިވާ ޒެން ޖީލުގެ މީހުން ނެވެ.

މީގެ އިތުރުން އަލަށް ކައިވެނިކުރާ މީހުން ވެސް ދަރިން ހޯދުން މިވަގުތަށް ބޭނުން ނުވާ ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް