ވޯލްޑް ކަޕުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެ، ޕޮޓްތައްވެސް އިޢުލާނު ކޮށްފި!

އަންނަ އަހަރު ރަޝިޔާގައި އޮންނަ، ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ފީފާ ވޯލްޑް ކަޕް"ގެ ކޮލިފައިން މެޗުތައް މިއަދު ނިމި، ވޯލްޑް ކަޕުގައި ވާދަކުރާނެ ގައުމުތައް ކަށަވަރު ވެއްޖެއެވެ. މިއާއ...

16 Nov 2017 | 18:26

އަންނަ އަހަރު ރަޝިޔާގައި އޮންނަ، ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ފީފާ ވޯލްޑް ކަޕް"ގެ ކޮލިފައިން މެޗުތައް މިއަދު ނިމި، ވޯލްޑް ކަޕުގައި ވާދަކުރާނެ ގައުމުތައް ކަށަވަރު ވެއްޖެއެވެ. މިއާއެކު ފީފާއިން ވަނީ މިއަދު، މުބާރާތުގެ ގުރު ނެގުމުގައި ޢަމަލު ކުރުމަށް ބޭނުން ކުރާ ޕޮޓްތައްވެސް އިޢުލާނު ކޮށްފައެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ޔޫރަޕްގެ ސަރަހައްދުން މުބާރާތް ބާއްވާ ރަޝިޔާގެ އިތުރުން ކޮލިފައި ވީ، ބެލްޖިއަމް، ޖާމަނީ، އިންގްލެންޑް، ސްޕެއިން، ޕޮލެންޑް، އައިސްލޭންޑް، ސާބިޔާ، ފްރާންސް، ޕޯޗުގަލް، ސްވިޒަލޭންޑް، ކްރޮއޭޝިއާ، ސްވިޑަން އަދި ޑެންމާކެވެ. މީގެ ތެރެއިން އައިސްލޭންޑަކީ ވޯލްޑް ކަޕްގެ ތާރީޚްގައިވެސް މުޅިން އަލަށް މުބާރާތުގައި ވާދަކުރާނެ ގައުމެކެވެ. ޔޫރަޕުން ވޯލްޑް ކަޕަށް ކޮލިފައި ނުވި މަޝްހޫރު ޤައުމުތަކުގެ ތެރޭގައި އިޓަލީ، ނެދަލޭންޑްސް އަދި ވޭލްސް ހިމެނެއެވެ.

ޔޫރަޕަށް ފަހު ފުޓްބޯޅައިގެ އެންމެ ގިނަ ގަދަބާރުތައް ހިމެނޭ ދެކުނު އެމެރިކާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައި ވީ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޤައުމު ބްރެޒިލްގެ އިތުރުން، އާޖެންޓީނާ، އުރުގުއޭ، ކޮލަމްބިއާ އަދި ޕެރޫ އެވެ. މި ފަހަކަށް އަހިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ޗިލީއަށް ވޯލްޑް ކަޕްގެ ޖާގައެއް ހޯދޭ ގޮތެއް ނުވިއެވެ. އުތުރު، މެދުތެރޭ އެމެރިކާގެ ގައުމުތަކުގެ ތެރެއިން އަންނަ ވޯލްޑް ކަޕުގައި ފެންނާނީ މެކްސިކޯ، ކޮސްޓަރިކާ އަދި ޕެނަމާއެވެ.

ވޯލްޑް ކަޕުން ސީދާ ފަސް ޖާގަ ކަނޑައަޅާފައިވާ އެފްރިކާ ސަރަހައްދަށް ބަލާއިރު، އެ ސަރަހައްދުން ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށް ދަތުރު ކުރީ ނައިޖީރިއާ، މިސްރު (އިޖިޕްޓް)، ސެނެގާލް، ޓިއުނީޝިއާ އަދި މޮރޮކޯއެވެ. މީގެ ތެރެއިން މިސްރަށް ވޯލްޑް ކަޕުގެ ޖާގައެއް މި ލިބުނީ ވަރަށް ގިނަ ޒަމާންތަކަކަށް ފަހުގައެވެ.

އޭޝިޔާ ސަރަހައްދުން ވޯލްޑް ކަޕްގެ ޖާގަ ހޯދީ އޮސްޓްރޭލިއާ، އީރާން، ޖަޕާން، ސައުދީ އެރެބިއާ އަދި ސައުތު ކޮރެއާ އެވެ.

ފީފާގެ ރޭންކިންގއަށް ބަލައި، ވޯލްޑް ކަޕަށް ކޮލިފައިވި ގައުމުތައް ފީފާއިން ބަހާލާފައިވަނީ 4 ޕޮޓަކަށެވެ. ކޮންމެ ޕޮޓަކަށް 8 ގައުމެވެ.

ޕޮޓް 1: ރަޝިޔާ، ޖަރުމަން، ބްރެޒިލް، ޕޯޗުގަލް، އާޖެންޓީނާ، ބެލްޖިއަމް، ޕޮލެންޑް، ފްރާންސް

ޕޮޓް 2: ސްޕެއިން، ޕެރޫ، ސްވިޒަލޭންޑް، އިންގްލެންޑް، ކޮލަމްބިއާ، މެކްސިކޯ، އުރުގުއޭ، ކްރޮއޭޝިއާ

ޕޮޓް 3: ޑެންމާކް، އައިސްލޭންޑް، ކޮސްޓަރިކާ، ސްވިޑަން، ޓިއުނީޝިއާ، އިޖިޕްޓް، ސެނެގާލް، އީރާން

ޕޮޓް 4: ސާބިއާ، ނައިޖީރިއާ، އޮސްޓްރޭލިއާ، ޖަޕާން، މޮރޮކޯ، ޕެނަމާ، ސައުތު ކޮރެއާ، ސައޫދީ އެރެބިއާ

ވޯލްޑް ކަޕްގެ ގުރު ނަގާ އުސޫލަށް ބަލާއިރު، މިއިން އެއްވެސް ޕޮޓެއްގައި ހިމެނޭ އެއް ސަރަހައްދެއްގެ (ޔޫރަޕް ފިޔަވައި) ދެ ޓީމަށް ވުރެ ގިނަ ޓީމު އެއް ގްރޫޕަކަށް ނުދާނެއެވެ.

ވޯލްޑް ކަޕްގެ ގުރު ނެގުން އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯގެ "ސްޓޭޓް ކްރެމްލިން ޕެލަސް" ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް