އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ: ތަފާސް ހިސާބު

ނިމިދިޔަ އޮކްޓޯބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެ މިނިސްޓްރީން ހާމަކޮށްފައިވާއިރު އަދިވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް އެކި ބާވަތ...

16 Nov 2017 | 06:12

ނިމިދިޔަ އޮކްޓޯބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެ މިނިސްޓްރީން ހާމަކޮށްފައިވާއިރު އަދިވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކުރާ މައްސަލަތައް ކަމަށް ދައްކައިފި އެވެ.

އެ  މިނިސްޓްރީން ބުނެފައިވަނީ  އޮކްޓޫބަރު 2017ގައި ޖުމްލަ 272 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ. މިއީ އޮކްޓޫބަރު 2017ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 45 އިންސައްތަ ކަމުގައި އެ މިނިސްޓްރީން ބުނެ އެވެ.

"މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ ޖުމްލަ 33 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ" މިނިސްޓްރީން ހާމަކުރެ އެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިންސީ ހާނީއްކައިގެ 28 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 25 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 15 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 9 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ކުދިންގެ ނާޖާއިޒުފައިދާ ނެގުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 18 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅައިފައިވާކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރި ހިންގުމުގެ 6 މައްސަލަ، ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 2 މައްސަލަ، ވައްކަންކުރުމުގެ 1 މައްސަލަ އަދި ތޫނު އެއްޗެހި ގެންގުޅުމުގެ 1 މައްސަލަ ހިމެނޭކަމުގައި އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 19 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައިވާކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 7 މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 7 މައްސަލަ އަދި ގެއިން ނިކުމެގެން ދިޔުމުގެ 5 މައްސަލަ ހިމެނޭކަމުގައި އެ މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ.

އަދި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ޖުމްލަ 10 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 5 މައްސަލަ، ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ 1 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ 1 މައްސަލަ އަދި ބޯހިޔާވަހިކަން ފޯރުކޮށްނުދިނުމުގެ 1 މައްސަލަ ހިމެނޭކަމުގައިވެސް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

މިދިޔަ މަހު ރިޕޯޓް ކޮށްފައިވާ އާއިލީ މައްސަލަތަކަށް ބަލާލާއިރު ޢާއިލީ މައްސަލަތަކުގެ 47 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައިކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ދިމާވާ 25 މައްސަލަ، ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ  18 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 2 މައްސަލަ ހިމެނޭ ކަމުގައި ހާމަކޮށްފައި ވެ އެވެ.

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 33 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައިވާކަމަށާއި މިއީ އޮކްޓޫބަރު 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 12 އިންސައްތަ ކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމުގައިވެސް އެ މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ.

އަދި މީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 5 މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ 5 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 1 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، ނާޖާއިޒުފައިދާ ނެގުމުގެ 1 މައްސަލަ އަދި  މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ ހިމެނޭ ކަމަށާއި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައެއް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 8 މައްސަލައެއް ހުށަހަޅައިފައިވާކަމުގައިވެސް ހާމަކޮށްފައި ވެ އެވެ.

އަދި ހަމަ އެހެންމެ އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ 6 މައްސަލައެއް އޮކްޓޫބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމުގައިވެސް އެ ތަފާސްހިސާބުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް