އާޓިފިޝިއަލް ބީޗު --
މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ދަށުގައި އޮތް މާލޭގެ 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މާލެއާއި ވިލިމާލޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި އިންފްރާސްޓްރަކްޗާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ބިންތައް ކައުންސިލުގެ ދަށުން ވަކިކޮށް ސަރުކާރުގެ ބެލުމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ޝަކުވާއެއް ނުވަތަ ޚިޔާލެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 14 ދުވަހުގެ މުހުލަތެއް އެ މިނިސްޓްރީން ވަނީ ދީފައެވެ.
ތަރައްޤީގެ މަޝްރޫޢުތަކަށް ކެބިނެޓުން ކަނޑައަޅާ ހާލަތެއްގައި ރަށްރަށުގެ ބިން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށްފައިވަނީ މިދިޔަ މަހުއެވެ. އެ އިސްލާހުގެ ދަށުން ކައުންސިލެއްގެ ބިމެއް ނެގުމުގެ ކުރިން ކެބިނެޓުން ގިނަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހޭ އިރު، ބިމުގެ ވެރި ކައުންސިލާ މަޝްވަރާ ކުރުން ލާޒިމުކޮށްފައިވެއެވެ.
މީގެ އިތުރުން، ވަކިކުރެވޭ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައި އޮތް ނަމަ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކަށީގެންވާ ބަދަލެއް ލިބޭނެ މަގު ވެސް އާ އިސްލާހުން ތަނަވަސްކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް