މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރައްވައިފިއެވެ.
ދުވަހަށް މަޢުލޫމާތުދެއްވަމުން ފައިރޫޝް މިރޭ ވިދާޅުވީ އެ ބަދަލު ގެނެސްފައިވަނީ ހޯމަ ދުވަހުން ފެށިގެން ކަމަށާއި ވުޒާރާ ބަދަލުވި ނަމަވެސް މަޤާމު ބަދަލުވެފައިނުވާކަމަށެވެ.
ފައިރޫޝް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ހޭދަކުރެއްވި ދުވަސްތަކުގައި ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް، ފައިރޫޝް ވަނީ މިރޭ އެކްސްގައި ކުރެއްވި ޓްވީޓެއްގައި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި އެ ވުޒާރާގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.
ފައިރޫޝް އަކީ ކުރިން ފުލުހެއްގެ މަޤާމު އަދާކުރެއްވި އަދި ޝަރަފުވެރިކަމާއެކު ފުލުހުންގެ އިދާރާއިން ރިޓަޔާ ކުރައްވާފައިވާ ފަރާތެކެވެ. ފުލުހުންގެ ޚިދުމަތުގައި 1998 އޮކްޓޫބަރު 12 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވ ފައިރޫޝް ރިޓަޔަރ ކުރައްވާފައިވަނީ 2021 ޖެނުއަރީ 2 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް