ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޝަރީފް އައްޔަންކުރުމަށް ނިންމައިފިއެވެ. ބީއެމްއެލްއިން ބުނެފައިވާގޮތުގައި ޝަރީފް މަގާމާ ހަވާލުވެވަ...

16 Oct 2024 | 15:54

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޝަރީފް އައްޔަންކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެންނެވެ. ބޭންކުގެ މި ނިންމުމާއެކު ޝަރީފް އަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އެވެ. މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

ޝަރީފް އަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާވެސް ހޯއްދަވާފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފްވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފައެވެ. މިގޮތުން ޝަރީފްވަނީ ކޯ-ބޭންކިންގ ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފްކުރުމާއި، ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މި ހިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔައެވެ.

ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއްކަމަށްވާ އިސްލާމިކް ބޭންކިންގ، ޓެކްނޮލޮޖީ، މާކެޓިންގ، ރީޓެއިލް ބޭންކިންގ އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރައްވާފައެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމް އަދާކުރައްވާފައެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް