ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާ ނެގިކަމަށް ތުހުމަތު ކުރާ މައްސަލައިގާ ހައްޔަރުކޮށްފައިވާ ޖަހަންގީރު މަޑިދަށުން ނަގަނީ ހގަމަ އެކަނި ވިއްސާރަ ކޯޓެއް ނޫންކަން ވީޑިއޯއިން އެނގޭކަމުގައި ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފިއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ޖަހަންގީރު އާލަމްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ އެ ކޯޓު އަމުރުގައި ބުނެފައިވަނީ އެ މައްސަލައިގާ ޝަރީއަތަށް ހުށަހަޅާފައިވާ ވީޑިއޯއަށް ބެލުމުން، ވިއްސާރަކޯޓަކަށްވުރެ އިތުރު އެއްޗެއް ތުހުމަތު ކުރެވޭ ފަރާތުން ނަގާކަން ތުހުމަތު ކުރެވޭ މީހާގެ އަމަލުތައް އެ ނެގުމުގައި ހުރިގޮތުންނާއި އަތުގައި އިތުރު އެއްޗެއް އޮތްކަން ވީޑިއޯއިން ފެންނާތީ އެނގޭ ކަމަށާއި ވީޑިއޯއިން ފެންނަ ގޮތުގައި ތުހުމަތު ކުރެވޭ ފަރާތުން ޝައްކު ކުރެވޭ ގޮތަށް ސައިކަލު މަޑިދަށުން އެއްޗެއް ނަގާކަން ފާހަގަކުރެވޭކަމުގައިވެސް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ފަރާތުން އެ މައްސަލައިގާ ފައިސާގެ ވެރިފަރާތްކަމަށް ބުނާ ހާލިދު ހަސަންގެ ބަޔާނަކާއި އެ ފައިސާ ގެންގުޅުނު ކަމަށް ބުނާ ސުލްތާން ސޮޖަންގެ ބަޔާނަކާއި، ސީސީޓީވީގެ ސްނެޕް ޝޮޓްތަކަކާއި، އިންޓެލިޖެންސް ރިޕޯޓަކާއި، އެ ފައިސާގެ ވެރިފަރާތާއި އިތުރު ފަރާތަކާއި ދޭތެރޭ ކުރެވިފައިވާ އެއްބަސްވުމުގެ ކޮޕީއަކާއި، ސީސީޓީވީގެ ވީޑިއޯ ހުށަހަޅާފައިވާކަމުގައި ބުނެފައިވެއެވެ. އަދި ތުހުމަތު ކުރެވޭ ފަރާތުގެ ވަކީލު، މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތުގެ އަންހެނުން ތައްޔާރުކޮށްފައިވާ ސިޓީއެއް (ފޮޓޯތަކާއެކު) ހުށަހަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގާ ޖަހަންގީރު ކުރިން ބުނެފައިވަނީ އެ ސައިކަލުގެ މަޑިދަށުން ނެގީ ވިއްސާރަ ކޯޓަކާއި ދޮންކެޔޮ ކޮތަޅެއް ކަމަށެވެ.
ސައިކަލެއްގެ މަޑިދަށުން 442،750ރ ނެގިކަމުގެ ތުހުމަތަށް ފުލުހުން ޖަހަންގީރު ހައްޔަރުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. ބަންދުގެ މުއްދަތު އިތުރު އެ ކުރީ ތިންވަނަ ފަހަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް