ގައުމަށް ދިމާވެފައިމިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލަކީ މިފްކޯ އަދި މޯލްޑިވިއަން ފަދަ ޖަރީމާ ކުންފުނިތައް އުވާލުން ކަމުގައި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށްދާ ބަހުސް މަރުހަލާގައެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ޓެކްސް ފައިސާއިން ދައުލަތަށް ފަސް ބިލިޔަން ޑޮލަރު ލިބޭނަމަ އެއިން ދެ ބިލިޔަން ޑޮލަރު އަޅަނީ ކަނޑަށް ކަމަށެވެ. ކޮންމެ ވެރިޔަކު އައިސް ކުންފުނިތަކެއް ހަދާއިރު ކުންފުނި ހަދަނީ ފައިދާ ހޯދަން ކަމަށްވާއިރު މޯލްޑިވިއަން އަދި މިފްކޯ ފަދަ ކުންފުނިތަކަށް އަހަރަކު ފަސް ބިލިޔަން ރުފިޔާއިން ދޭނަމަ ފައިސާ އެ އެޅެނީ ކަނޑަށް ކަމުގައި ސިޔާމް ވިދާޅުވިއެވެ.
"ފަސް ބިލިޔަން ޑޮލަރު ލިބޭއިރު ދެ ބިލިޔަން ކަނޑަށް އަޅަންޏާ 10 ނޫން އެއްހާސް ގުނަ ޖެއްސިޔަސް ކުރާނެ ރާހަތެއް ނޯންނާނެ" ސިޔާމް ވިދާޅުވިއެވެ.
ސިޔާމްގެ ވާހަކަފުޅުގައި އޭނާ ގޮވައިލެއްވީ އެ ފަދަ ކުންފުނިތަކުން ހިންގާ ޖަރީމާތައް ހުއްޓާލުމަށާއި ފޭރުން ހުއްޓާލުމަށެވެ. އަދި ފައިދާއެއް ނުވާ އެފަދަ ކުންފުނިތައް އުވާލައިގެން ނޫންގޮތަކަށް ހައްލެއް ލިބިގެން ނުދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް