ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް 10 ދުވަސް

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ފެށުމަށް އެންމެ 10 ދުވަހަށް ވެއްޖެއެވެ. މިއަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 202...

16 Oct 2023 | 18:18

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ފެށުމަށް އެންމެ 10 ދުވަހަށް ވެއްޖެއެވެ. މިއަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ.

4000 އަށް ވުރެ ގިނަ  ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން5K  އަދި 10K ދުވުންވެސް އޮންނާނެއެވެ.

މިއަހަރުގެ ޑީ.އެމް.އާރް.އާރް 2023ގެ ޕާރޓްނަރުންނަކީ:

  • ގޯލްޑް ޕާރޓްނަރަކަށް ޔުނިސެފް މޯލްޑިވްސް
  • ހޯސްޓިންގ ޕާރޓްނަރަކަށް އަރބަންކޯ
  • ސެކިއުރިޓީ އެންޑް ސޭފްޓީ ޕަރޓްނަރަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް 
  • މެޑިކަލް ޕަރޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
  • ފަރސްޓް އެއިޑް ޕަރޓްނަރަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓް 

މީގެ އިތުރުން މި ދުވުމަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެންޑޯސްކޮށްފައިވާ ދުވުމެއްވެސްމެއެވެ.

މި ރޭހަށް ތައްޔާރުވުމަށް ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ވަނީ ކޯޗިންގ ޕާރޓްނަރުންގެ ގޮތުގައި އެލީޓް ރަނަރސް މޯލްޑިވްސް އާއި ސާއިދު ސްޕޯޓްސް އަދި ވެލްނެސް ޕާރޓްނަރގެ ގޮތުގައި ދަ ވެލްނެސް ކްލަބް ހަމަޖައްސާފައެވެ. އަދި މި ޕާރޓްނަރުން ދަނީ ދުވުންތެރިންނަށް ރޭސް ދުވަހަށް ތައްޔާރުވުމަށް ހާއްސަ ތަމްރީނުތަކެއް ދެމުންނެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީ.އެމް.އާރް.އާރްއަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ދިރާގުން އެންޑޯރސްކޮށްފައިވާ އެން.ޖީ.އޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ޑީ.އެމް.އާރް.އާރްއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: www.dmrr.mv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް