އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަދި ހުޅަނގުބިތަށް ދެމުން އަންނަ ހަމަލާތަކުގައި މި އަހަރު މަރުވި މުސްލިމުންގެ އަދަދު ތިން ހާހުން މައްޗަށް ގޮސްފައިވާކަމަށް ފަލަސްތީނުގެ ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފިއެވެ.
އެ ބިއުރޯއިން ފާހަގަކޮށްފައިވާގޮތުގައި މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ފަލަސްތީނުގެ މުސްލިމުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އަހަރެވެ.
މީގެ އިތުރުންވެސް ބައެއް މުހިންމު މައުލޫމާތުތަކެއް އެ ބިއުރޯއިން މިއަދު ހާމަކޮށްފައިވެއެވެ.
އެގޮތުން އެ މައުލޫމާތުތަކަށް ބަލާލާއިރު މި މަހު ފަލަސްތީނުގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 45 އިންސައްތައަށް އަރާފައިވާކަމާއި ފަގީރު ކަމާއި މެލްނިއުޓްރިޝަން ނިސްބަތް 80 އިންސައްތައަށް އަރާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މި އަހަރުގެ ތެރޭގައި އިޒްރޭލު ހަމަލާތަކުގައި މަރުވި އަދަދު ތިން ހާހަށް އަރާފައިވާއިރު އޭގެ ތެރެއިން 2808 މަރަކީ ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދެވެ.
މިހާރު ދެމުން އަންނަ ހަމަލާތަކުގައި 2808 މުސްލިމުން މަރުވެފައިވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު ވަނީ 10 ހާހުން މައްޗަށްގޮސްފައެވެ.
ގާޒާ، އިޒްރޭލު މަސްރަހު އަދިވެސް ދަނީ ހޫނުވަމުންނެވެ. އަދި ގާޒާގެ ހާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ދަމުންނެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ބުނެފައިވާގޮތުގައި ގާޒާގައި ދެން ގާތްގަނޑަކަށް ހުރީ އިތުރު 24 ގަޑިއިރު ބޭނުންކުރެވޭހާ ފެނާއި ތެލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް