ދިއްދޫ އަދި ކަމަދޫގެ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ 80 އިންސައްތަ އަދި ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 78 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމް...

16 Oct 2023 | 12:20

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ 80 އިންސައްތަ އަދި ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 78 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި ދިއްދޫގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.

އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 98 އިންސައްތަ ފުރިހަމަކުރެވިފައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ހަމައެފަދައިން ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމާއި، އެއްގަމު ތޮށި ލުމާއި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ފާހަގަކުރައްވައެވެ.

އަދި ދިއްދޫ މަޝްރޫޢުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 81 މީޓަރުގެ ސަރަޙައްދެއްގައި ޗެނަލްގެ ބޭރުތޮށި ލުމާއި، 49 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 768 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 898 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 9,270 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މީގެ އިތުރަށް ކަމަދޫގެ މަޝްރޫޢުގެ ޖެޓީ ހެދުމުގެ މަސައްކަތް މިޙަރު ވަނީ ނިމިފައި ކަމަށާއި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ކަމަދޫ މަޝްރޫޢުގެ ދަށުން، 30,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ދެ ރޭމްޕް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1,810 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ރިންގ ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ދިއްދޫގެ މަޝްރޫއަކީ 88.3 މިލިއަން ރުފިޔާގެ މަޝްރޫޢަކަށް ވާއިރު، ކަމަދޫގެ މަޝްރޫއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް