ގްރޭޓާރ މާލޭގެ އާއްމު ދަތުރުފަތުރުގައި މިހާރު ކާޑުން ފައިސާ ދެއްކޭނެ

އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ގްރޭޓާރ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ޙިދުމަތް ތަރައްޤީކޮށް ފަސިންޖަރުންނަށް ފަސޭހަ ކަމާއިއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށިގެން މާލެ-ވ...

16 Oct 2023 | 11:12

އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ގްރޭޓާރ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ޙިދުމަތް ތަރައްޤީކޮށް ފަސިންޖަރުންނަށް ފަސޭހަ ކަމާއިއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށިގެން މާލެ-ވިލިމާލެ، މާލެ-ތިލަފުށި، މާލެ-ގުޅީފަޅު، އަދި މާލެ-ހުޅުމާލެ ފެރީ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލު ކުރެވިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އާރްޓީއެލް ގްރޭޓަރ މާލެ ސަރަޙައްދުގެ ފެރީ ޚިދުމަތަށްތިން3 ޒަރީޢާއަކުން ފައިސާދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެއީ، އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރް ޓިކެޓް ނަގައިގެންނާއި، ގްރޭޓަރ މާލޭ ފެރީ ޓަރމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔުއާރް ޓިކެޓް ނަގައިގެންނާއި ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑު (މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑު) ޓަރމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕް ކޮށްގެންނެވެ.

ކިޔުއާރް ޓިކެޓް ނަގާނެ ގޮތުގެ ވީޑިއޯ، އެމްޓީސީސީގެ އާރްޓީއެލް ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާޢިޢު ކުރެވިފައި ހުންނާނެ ކަމަށާއި އަދި އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ކިޔުއާރް ޓިކެޓް ސްކޭން ކުރުމަށްޓަކައި ފެރީއަށް އެރުމަށްފަހު ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއާއި ދިމާކުރުމަށްފަހު ސްކޭންކޮށްލަން ޖެހޭނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް

ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގާއިރު އެއްފަހަރާ 10 ޓިކެޓާ ހަމައަށް ނެގޭނެއެވެ.

އެންމެ ދަތުރަކަށް ނަގާ ކިޔު އާރް ޓިކެޓް (ސިންގަލް ޖަރނީ) ބޭނުންކުރެއްވޭނީ 7 ދުވަހުގެ މުއްދަތަށެވެ. މަލްޓިޕަލް ޖަރނީ ޓިކެޓް (ވިލިމާލެ އަދި ތިލަފުއްޓަށް ޙާއްސަ) ނަގާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވޭނެއެވެ.

އަދި، ގްރޭޓަރ މާލޭ ސަރަޙައްދުގެ ކިޔުއާރް ޓިކެޓް ބޭނުން ކުރެއްވޭނީ އެ ނަގާ ރޫޓަށް އެކަންޏެވެ.

ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ބޭނުންކޮށްގެން މި އަހަރުގެ ނިޔަލަށް ދަތުރުކުރެވޭނެ ކަމަށާއި، ނަމަވެސް، ދަތުރު ކާޑު ޓޮޕްއަޕް ކުރުމުގެ ޙިދުމަތް 1 ޑިސެމްބަރ 2023 އިން ފެށިގެން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި 31 ޑިސެމްބަރ 2023 ގެ ފަހުން ދަތުރު ކާޑުގައި ބާކީ ފައިސާ ހުރިނަމަ، 31 ޖެނުއަރީ 2024 ގެ ކުރިން ރީފަންޑަށް އެދި ހުށަހެޅުމުން ރީފަންޑް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން، ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައި ހުރި ސީޒަން ޕާސްތައް މުއްދަތު ހަމަވާ ތާރީޙާއި ހަމައަށް ބޭނުން ކުރެވޭނެއެވެ. އަދި މި މުއްދަތު ހަމަވުން، ސީޒަން ޕާސްތައް ދެން އިތުރަށް އައު ކޮށެއް ނުދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް