މި އަހަރުގެ މިހާތަނަށް އައިއިރު، ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ ތަކެތި، ހެލްތް މިނިސްޓްރީން އޯޑަރު ކޮށްފައި ނުވާކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީން ހެލްތް މިނިސްޓްރީއަށް ޒިޔާރަތްކޮށް އެއްކުލި މައުލޫމާތުގެ އަލީގައި ނޫސްވެރިިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ފިރުޒުލް ވިދާޅުވީ، ސިއްހީ ދާއިރާއާ ގުޅޭގޮތުން ކުރެވިފައި ހުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަވެފައި ހުރި، ކަންބޮޑުވާން ޖެހޭ ދެތިން ކަމެއް އެބަ ހުރި ކަމަށެވެ.
އެގޮތުން، ސިއްހީީ ދާއިރާގެ މަސައްކަތްތައް ބައްޓަންވެގެން ހެލްތް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ގޮތަށް ބަލާއިރު، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ބޭނުންކުރާ އެކިއެކި އިންޖެކްޝަން ފަދަ ތަކެތީގެ ސްޓޮކް ނެތްކަން ފާހަގަ ކުރެވިިފައި ވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ކޮންމެ އަހަރަކު ދެ ފަހަރު އާއްމު ގޮތެއްގައި އެފަދަ މުދަލަށް އޯޑަރު ކުރާނެ ނަމަވެސް މި އަހަރުގެ މިހާތަށް އައި އިރުވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ހެލްތް މިނިސްޓްރީން އޯޑަރު ކޮށްފައެއް ނުވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އޭގެ ސަބަބުން މިހާރުވެސް ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓުމަކަށް އަންނަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން ފިރުޒުލް ވިދާޅުވީ، މި ހާލަތު މިގޮތަށް ދެމިގެން ދާ ނަމަ، ނޮވެމްބަރު މަހާ ހަމަޔަށް ދާއިރު ނުވަތަ ނޮވެމްބަރު މަހުގެ މެދަކަށް އަންނައިރު އެ ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުން ދެމުން ގެންދާ ވަރަށް ގިނަ ހިދުމަތްތައް އެކީ ހުއްޓުމަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭގެ ތެރޭގައި ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކާއި ލެބޯޓްރީތަކުން ދޭ ހިދުމަތްތައްވެސް ހިމެނޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މިހާރު ހޮސްޕިޓާތަކުންނާއި ހެލްތް ސެންޓަރުތަކުން މެނޭޖް ކުރަމުން ދަނީ އެމަޖެންސީ ސްޓޮކްގެ ތެރެއިން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކަމަށާއި، ބޭނުންވާ ވަރަށް ތަކެތި އޯޑަރު ކުރެވިފައި ނުވަނީ، ބަޖެޓްގެ ތެރެއިން ހަމަޖެހެން ޖެހޭ ފައިސާ ހަމަނުޖެހި ހުރުމުގެ ސަބަބުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް