ޕްރިމިއާ ލީގު: ސިޓީ ލިވަޕޫލް އަތްދަށުވިއިރު، އާސެނަލް އެއްވަނާގައި ހަމަޖެހިލައިފި

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ ލިވަޕޫލް އަތުން ބަލިވިއިރު، ލީޑްސް ޔުނައިޓެޑް އަތުން މޮޅުވެ އާސެނަލް ލީގު ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ. ލިވަޕޫލް ދަނޑުގ...

16 Oct 2022 | 18:31

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ ލިވަޕޫލް އަތުން ބަލިވިއިރު، ލީޑްސް ޔުނައިޓެޑް އަތުން މޮޅުވެ އާސެނަލް ލީގު ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

ލިވަޕޫލް ދަނޑުގައި މިރޭ ކުޅުނު މެޗުން ސިޓީ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. އަދި އާސެނަލް ރަށުން ބޭރުގައި ލީޑްސް ބަލިކުރީ 0-1 ގެ ނަތީޖާއިންނެވެ.

ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. މި ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ލިވަޕޫލުން ކާމިޔާބު ކުރީ މެޗުގެ ފަހު ހާފުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ އެލިސަންގެ އެހީތެރިކަމާއި އެކު މުހަންމަދު ސަލާހުއެވެ.

އާސެނަލް އާއި ލީޑްސް ބައްދަލުކުރި މެޗަށް ބަލާއިރު، މި މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާސެނަލުން ލަނޑު ޖަހައި ލީޑު ނެގިއިރު، މި ލަނޑު އާސެނަލަށް ކާމިޔާބު ކޮށްދިނީ އޮޑިގާޑުގެ އެހީތެރިކަމާއި އެކު ބަކާޔޯ ސަކާއެވެ. މި މެޗުގައި ލީޑްސް އަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ބަމްފޯޑް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ.

މި ނަތީޖާތަކާއި އެކު ސިޓީ ދެވަނާގައި އޮތީ 23 ޕޮއިންޓާއި އެކުއެވެ. މިއީ އެއްވަނާގައި އޮތް އާސެނަލަށް ވުރެ ހަތަރު ޕޮއިންޓް މަދު އަދަދެކެވެ. އާސެނަލް އެއްވަނާގައި އޮތީ 27 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ޓޮޓެންހަމް އަށްވެސް ސިޓީއާއި އެއްވަރަށް ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ކުރި ލިބެނީ ގޯލުގެ ފަރަގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް