ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމަށް އަޅުގަނޑުމެން ގެނައި ހައްލަކީ އެގްރޯ – އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ: ރައީސް ސޯލިހް

މުޅި ރާއްޖޭގެ ނިސްބަތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ނުކިއްސަރު ކަންތައްތަކެއް އަޅުގަނޑަށް ފާހަގަކުރެވޭ ކަމަށާއި ފުރަތަމަ ކަމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޭނުންޖެހިފައިވާ މިންވަރާއި އ...

16 Oct 2022 | 16:41

މުޅި ރާއްޖޭގެ ނިސްބަތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ނުކިއްސަރު ކަންތައްތަކެއް އަޅުގަނޑަށް ފާހަގަކުރެވޭ ކަމަށާއި ފުރަތަމަ ކަމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޭނުންޖެހިފައިވާ މިންވަރާއި އުފެއްދޭ މިންވަރުގައި ހުރި ނުބައްދަލުކަން. ކަމާއި އަނެއް ކަމަކީ، އުފައްދާ ތަކެތި ތާޒާކަމާ އެކު ބާޒާރަށް ނެރުމުގައި، ދަނޑުވެރިންނަށް ކުރިމަތިވާ ހުރަސްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދަނޑުވެރި އުފެއްދުންތައް މާކެޓު ކުރުމަކީ ކާށިދުއާއި ތޮއްޑޫ ފަދަ ބައެއް ރަށްރަށުގެ ދަނޑުވެރިންނަށް މާ ބޮޑު ގޮންޖެހުމަކަށް ނުވެދާނެ. މިރަށުގެ އުފެއްދުންތައް ގިނަ ޢަދަދަކަށް މާލެއަށް އެބަ ގެންދޭ. އަދި ފެލިވަރަށް ވެސް މިރަށުގެ ގިނަ އުފެއްދުންތަކެއް އެބަ ގަނޭ. ނަމަވެސް، މުޅި ރާއްޖެއަށް ބަލާއިރު ދަނޑުވެރި އުފެއްދުންތައް މާކެޓު ކުރުމަކީ އަދިވެސް ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަށް އަޅުގަނޑުމެން ހޯދި އެއް ޙައްލަކީ، ސަރުކާރުން އުފައްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން" ރައީސް ވިދާޅުވިއެވެ.

އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 715 ދަނޑުވެރިއަކާ އެކު އެއްބަސްވުން ޤާއިމްކޮށް، އެމީހުން އުފައްދާ ބާވަތްތައް ގަނެ ބާޒާރަށް ނެރެމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.  ނަމަވެސް މިއީ މުޅި މައްސަލައިގެ ޙައްލެއް ނޫން ކަމާއި އަދިވެސް ވަރަށް ގިނަ ކަންތައް ކުރަން އެބަހުރި ކަމާއި  ބައެއް ކަންތައް މިހާރުވެސް އަންނަނީ ކުރަމުންކަން ހަމަ އެ ނޭވާގައި ރައީސް ފާހަގަކުރެއްވިއެވެ.

"އޭގެ ތެރެއިން އެއް ކަމަކީ ދަނޑުވެރި އުފެއްދުންތައް ތާޒާކަމާއެކު ބާޒާރަށް ނެރުމަށްޓަކައި ކުރަންޖެހޭ ކަންތައް، އެ ގޮތުން ނުވަ ރަށެއްގައި އެ ކުންފުނިން މިހާރުވަނީ ޑިސްޓްރިބިއުޝަން ސެންޓަރާއި އެކު އަވިން އުފައްދާ ހަކަތައިން ފިނިކޮށްދޭ, ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކެއް ޤާއިމްކޮށްފައި، ލަސްތަކެއް ނުވެ އެތަންތަން ބޭނުންކުރަން ފެށޭނެ، އެއާއެކު އެގްރޯ ކުންފުނީގެ ޚިދުމަތް މިހާރަށް ވުރެ ފުޅާވެގެންދާނެ" ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަމުގެ ވަރަށް ރަނގަޅު ދެ ބާޒާރެއް އެބަ އޮތް ކަމަށާއި ފުރަތަމަ ބާޒާރަކީ މީހުން ދިރިއުޅޭ ރަށްތައް ކަމަށެވެ. އަދި ދެ ވަނަ ބާޒާރަކީ ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓުންނަށް ޚިދުމަތްދޭ އެހެން ތަންތަން ކަމުގައި ވިދާޅުވިއެވެ. މި ދެ ބާޒާރަށް ބޭނުންވާ މިންވަރާ ގާތަށްވެސް ރާއްޖޭގައި ތަރުކާރީ އާއި މޭވާއެއް ނުހެއްދޭ. ފަލަމަޑިއާއި ފަތްޕިލާވެއްޔާއި ގޮވާން ނުހެއްދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް