ދަނޑުވެރިންގެ ޝަކުވާތައް އަޑުއަހާ ހައްލު ގެނެވިއްޖެ ކަމަށާއި މިހާރު އަމިއްލަ ފަރުދުންނަށްވެސް ދެ މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ހޯދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މި އަހަރު ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ ދަނޑުވެރިންގެ ކާށިދޫގައި. މިއީ ޒަމާނުއްސުރެ ދިވެހި ދަނޑުވެރިކަމުގައި އެންމެ މަޝްހޫރު އެއް ރަށް. ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއްހެން މިރަށުގައި އާލާވެފައި އެބައޮތް. މޭވާ އާއި ތަރުކާރީގެ ދަނޑުވެރިކަމުގައި މިރަށުގެ ނަން މުޅި ރާއްޖެއަށް މަޝްހޫރު. މާގަހާއި ބަގީޗާ ގަހުގެ ދަނޑުވެރިކަން ވެސް މުޅި މިރަށަށް އޮތީ ފެތުރިފައި." ވާހަކަފުޅު ފައްޓަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.
އެއަސްފަހު ރައީސް ވިދާޅުވީ ކާށިދޫގައި މިހާރު ދަނޑުވެރިކަން ކުރަނީ ހަމައެކަނި އެރަށުގެ ރައްޔިތުންނެއް ނޫން ކަމަށާއި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ދަނޑުވެރިންވެސް މިހާރު އެ ރަށުގައި އިންވެސްޓް ކުރަމުން އަންނަތަން ފެންނަކަމަށެވެ. ކާށިދޫގައި ދަނޑުވެރިކަމަށް ފަހި މުސްތަޤްބަލެއް އޮތްކަން މިކަމުން އެނގިގެންދާކަމުގައި ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރާނެ ގޮތުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތަފާތު ފޯރަމްތައް އަޅުގަނޑުމެން ބާއްވައިފިން. ދަނޑުވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް ޝަކުވާއަކީ ދަނޑުވެރިކަމަށް ދިގު މުއްދަތަކަށް އިންވެސްޓް ކުރަން އެކަށީގެންވާ ބޮޑުމިނުގެ ބިން ނުލިބުމުގެ ޝަކުވާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރި އިރު، ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ސަރުކާރުން ދަނޑުވެރިކަމަށް ދޫކުރާ ލުއި ލޯނުގެ މިންވަރު ކުޑަވުން ކަމަށާއި އަނެއް ކަންބޮޑުވުމަކީ، އަމިއްލަ ފަރުދުންނާއި ކުންފުނިތަކާ ދެމެދު ހުރި ފަރަގުގެ ސަބަބުން، ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތައް ކަމަށެވެ. އެ ޝަކުވާތައް އަޑު އަހައި، އެކަމަށް މިހާރު އެދެވޭ ޙައްލެއް ހޯދައިދީފައިވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިހާރު އަމިއްލަ ފަރުދުންނަށްވެސް ދެ މިލިޔަން ރުފިޔާއާ ހަމަޔަށް ލޯނު ހޯދުމުގެ ފުރުޞަތު އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް