ރާއްޖޭގެ އެންމެ ރީތި އަދި ޒަމާނީ ސިޓީ ކަމަށްވާ ހުޅުމާލެ މަޝްރޫއު ފެށިތާ މިއަދު25 އަހަރު ފުރިއްޖެ އެވެ.
1997 ވަނަ އަހަރު އޮކްޓޯބަރު16 ވަނަ ދުވަހު ހުޅުލޭ އުތުރުފަރާތު ފަޅުތެރޭގައި ހުޅުމާލެ ހިއްކަން ރަސްމީކޮށް ވައްޓަފައިދެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
މީގެ ކުރިން މައުމޫން ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވާ ގޮތުގުައި އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވުނު އެންމެ ފަހުރުވެރިވާ ދެ މަސައްކަތެއް އެބައޮތެވެ. އެއީ އިސްލާމީ މަރުކަޒު އެޅުމާއި ހުޅުމާލެ މަޝްރޫއެވެ.
އެ ހުޅުމާލެ މަޝްރޫއުއަށް މިއަދު25 އަހަރު ފުރުން މައުމޫން މިއަދު ވަނީ ހަނދާންތައް އާ ކުރައްވާފައި އެވެ. ރަސްމީކޮށް މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯއެއް އެމަނިކުފާނު ޓުވީޓު ކުރެއްވި އެވެ.
އެ ޓުވީޓުގައި ވިދާޅުވީ އެދުވަހު މި މަޝްރޫއު ފެށި އިރު25 އަހަރު ފަހުން އެއީ ރާއްޖޭގެ އެންމެ ރީތި ސިޓީއަށް ވާނެ ކަމަށް އެއްވެސް މީހަކު ސިފަކޮށްފައި ނުވާ ކަމަށެވެ.
މައުމޫން ވިދާޅުވީ އެ މަސައްކަތުގެ ހައްގުވެރިންނަކީ މަޝްރޫއު ކުރިޔަށް ގެންގޮސް މިހާހިސާބަށް ހުޅުމާލެ ގެނައުމަށް ބުރަ މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ.
https://twitter.com/maumoonagayoom/status/1581560510100561922
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް