ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރާ ފޯރިގަދަ ”އެލް ކްލެސިކޯ“ މެޗު މިރޭ!

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަން ފޯރި ހުންނަ އަދި ސްޕެނިޝް ފުޓްބޯޅައިގެ އެންމެ ވާދަވެރި ކުރިމަތިލުން ކަމަށްވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރާށާ "އެލް ކްލެސިކޯ" މެޗު މިރޭ ކުޅޭނެއެވެ. މިރޭ ...

16 Oct 2022 | 08:20

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަން ފޯރި ހުންނަ އަދި ސްޕެނިޝް ފުޓްބޯޅައިގެ އެންމެ ވާދަވެރި ކުރިމަތިލުން ކަމަށްވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރާށާ "އެލް ކްލެސިކޯ" މެޗު މިރޭ ކުޅޭނެއެވެ.

މިރޭ ކުޅެން ތައްޔާރުވަމުން އަންނަ މި މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދާ އެއް ފުޓްބޯޅަ މެޗެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ މެޗަކީ ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ އެންމެ ފޯރިގަދަ ފުޓްބޯޅަ މެޗުވެސް މެއެވެ.

މިރޭ ރާއްޖޭ ގަޑިން 7:15 ގައި މި މެޗު ކުޅެން ހަމަ ޖެހިފައިވާއިރު، މިހާރުވެސް ދުނިޔޭގައި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ މި މެޗަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. މިރޭގެ މެޗަކީ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ ގެ 250 ވަނަ މެޗުކަމުގައިވާއިރު، މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވާ ”އެލް ކްލެސިކޯ“ މެޗުތަކުގެ ތާރީޚަށް ބަލާލުން ރަނގަޅު ކަމުގައި ދެކެމެވެ.

އެލް ކްލެސިކޯ ގެ ތާރީޚަށް ބަލާއިރު، ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ”އެލް ކްލެސިކޯ“ މެޗުގެ ޖުމްލަ އަދަދަކީ 283 އެވެ. އެއީ ވާދަވެރި 249 މެޗާއި، އެކުވެރިކަމުގެ 34 މެޗެވެ. މީގެ ތެރެއިން ވާދަވެރި މެޗުތަކަށް ބަލާއިރު، ރެއާލް އިން 100 މެޗު ކާމިޔާބު ކޮށްފައިވާއިރު، ބާސާއިން ވަނީ 97 މެޗު ކާމިޔާބު ކޮށްފައެވެ. ވާދަވެރި 52 މެޗު އެއްވަރު ވެފައި ވެއެވެ.

އެކުވެރިކަމުގެ 20 މެޗު ބާސާއިން ކާމިޔާބު ކޮށްފައިވާއިރު، ރޭއާލް އަށް ކާމިޔާބު ކުރެވިފައިވަނީ ހަތަރު މެޗެވެ. 10 މެޗުން ވަނީ އެއްވަރުވެފައެވެ. މުޅި ޖުމްލަކޮށް ބަލާއިރު، ބާސާ 117 މެޗު ކާމިޔާބު ކުރިއިރު، ރެއާލް އަށް ކާމިޔާބު ކުރެވިފައިވަނީ 104 މެޗެވެ. 62 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެލް ކްލެސިކޯ ގެ ތާރީޚުގައި ޖުމުލަ 814 ގޯލު ޖަހާފައިވެއެވެ. ރެއާލް މެޑްރިޑް 412 ގޯލު ޖަހާފައި ވާއިރު، ބާސެލޯނާ ވަނީ 402 ގޯލު ޖަހާފައެވެ. އެލް ކްލެސިކޯ ގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ޝަރަފާއި، އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ޝަރަފު އޮތީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އަތުގައެވެ. އޭނާ ވަނީ ޖުމުލަ 26 ގޯލާއި، 14 އެސިސްޓް ހަދާފައެވެ. މި ލިސްޓުގެ ދެވަނައިގައި 18 ގޯލާއެކު ރެއާލް މެޑްރިޑް ގެ ލެޖެންޑް އަލްފްރެޑޯ ޑީ ސްޓެފަނޯ އޮތްއިރު، ތިންވަނައިގައި 18 ގޯލާއެކު އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ”އެލް ކްލެސިކޯ“ މެޗެއްގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 13 މެއި 1902 ގައި ސްޕެނިޝް ކަޕް ގައެވެ. އެމެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. ”އެލް ކްލެސިކޯ“ މެޗެއްގައި މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިއަހަރު މާޗުމަހުގެ 20 ވަނަ ދުވަހުގައެވެ. މި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއިންނެވެ.

މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، އެންމެ ބޮޑު ތަފާތަކުން މޮޅުވެފައިވަނީ ރެއާލް މެޑްރިޑް އެވެ. އެއީ 19 ޖޫން 1943 ވަނަ އަހަރު ސްޕެނިޝް ކަޕްގެ މެޗެއްގައެވެ. އެ މެޗު ބާސާގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދާފައިވަނީ 1-11 އިންނެވެ. ސްޕެނިޝް ލީގުގެ މެޗުތަކުންވެސް މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ބާސާގެ މައްޗަށް ކުރިހޯދާފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން 3 ފެބުރުއަރީ 1935 ގައި މި ދެޓީމު ބައްދަލުކުރި ލީގު މެޗަކުން ރެއާލް މެޑްރިޑުން ވަނީ 2-8 ގެ ނަތީޖާއަކުން ބާސާގެ މައްޗަށް ކުރި ހޯދާފައެވެ.

”އެލް ކްލެސިކޯ“ގެ އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފު މިހާތަނަށް ލިބިފައިވަނީ 2 ކުޅުންތެރިއަކަށެވެ. އެއީ ލިއޮނެލް މެސީގެ އިތުރުން ސާޖިއޯ ރާމޮސްއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ”އެލް ކްލެސިކޯ“ ގެ 45 މެޗު ފުރިހަމަ ކޮށްފައިވެއެވެ.

އެލް ކްލެސިކޯ ގެ ތާރީޚުގައި ތަފާތު 23 ކުޅުންތެރިން ޖުމުލަ 28 ހެޓްރިކް ހަދާފައިވެއެވެ. ޖެއިމީ ލަޒްކާނޯ، ސެންޓިއާގޯ ބެރްނެބެއޫ، ޕައުލީނިއޯ އަލްކަންޓާރާ އަދި ފެރެންކް ޕުސްކަސް އާއި އެކު އެލް ކްލެސިކޯ ގައި އެންމެ ގިނަ ހެޓްރިކް ހެދުމުގެ ޝަރަފު އޮތީ މެސީ އަތުގައެވެ. މި ކުޅުންތެރިން ވަނީ ޖުމުލަ ދެ ހެޓްރިކް ހަދާފައެވެ.

އެލް ކްލެސިކޯ ގެ ތާރީޚަށް ނަޒަރު ހިންގާއިރު، ބާސެލޯނާ އަދި ރެއާލް މެޑްރިޑަށް ކުޅެފައިވާ، ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާލުމަކީ މުހިއްމުކަމެކެވެ. އެގޮތުން ލުއިސް ފީގޯ، ރޮނާލްޑޯ ނަޒާރިއޯ، ޒައިނުއްދީން ޒިދާން، ޖޫލެން ލޮޕެޓެގީ، ސަމުއެލް އެޓޫ، ހާވިއޭ ސަވިއޯލާ، ޖިއޮރްގޭ ހާޖީ، މައިކަލް ލައުޑްރަޕް، ލުއިސް އެންރީކޭ، ކްރިސްޓީއާނޯ ރޮނާލްޑޯ، ރޮބާޓޯ ކާލޮސް އަދި ރޮނާލްޑީނިއޯ އަދި ލިއޮނެލް މެސީ ހިމެނެއެވެ.

މިރޭ ގެ ”އެލް ކްލެސިކޯ“ މެޗަށް ނިކުންނައި ދެޓީމުގެ މިހާރުގެ ހާލަތަށް ބަލާލާއިރު، ސްޕެނިޝް ލީގުގައި ބާސާއާއި ރެއާލް ވެސް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ބެލެވެއެވެ. އެގޮތުން ލީގުގައި މިހާތަނަށް އަށް މެޗު ކުޅުނު އިރު ދެޓީމަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. އެއީ އަށް މެޗުން 22 ޕޮއިންތެވެ. ބާސާ ގޯލުގެ ތަފާތުން އެއްވަނާގައި އޮތްއިރުމ ރެއާލް އޮތީ ދެވަނާގައެވެ. އެހެން ކަމުން މިރޭގެ މި މެޗުން މޮޅުވާ ޓީމަކަށް 25 ޕޮއިންޓާއި އެކު ލީގުގެ އެއްވަނައަށް އެރޭނެއެވެ.

ބޮޑު ކުރިމަތިލުމުގެ ކުރިން ދެ ޓީމުވެސް އެންމެ ފަހުން މެޗު ކުޅެފައި ވަނީ ޗެމްޕިއަންސް ލީގުގަ އެވެ. އަމިއްލަ ދަނޑުގައި ދެ ޓީމުވެސް މެޗުތައް ކުޅުނު އިރު ބާސެލޯނާއިން ވަނީ އިންޓަ މިލާނާއި ދެކޮޅަށް އަމިއްލަ ދަނޑުގައި 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ރެއާލް ވެސް ޝަކްތަރު ޑޯނެސްކް އަތުން 1-1 އިން ވަނީ އެއްވަރުވެފައެވެ.

ކޮންމެ ގޮތެއް ވިޔަސް އެހެން މެޗުތަކުގައި ދެ ޓީމުގެ ފަރާތުން ވެސް ފެންނަ ކުޅުމަށް ވުރެން އެލްކުލެސިކޯގެ މެޗެއްގައި ފެންނަ ކުޅުން ބަރަށް ބޮޑުތަން ތަފާތެވެ. އެހެން މެޗުތަކުގައި ނުފެންނަ ފޯރިއާއި، ހިތްވަރު ކުޅުންތެރިން އެ މެޗުގައި ދައްކާނެކަން ޔަގީނެވެ.

ދެ ޓީމުގެ ހާލަތު ވެސް މިކަހަލަ ގޮތަކަށް އޮތް ނަމަވެސް އާ ސީޒަނާ އެކު ދެ ޓީމުންވެސް އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ދެ ޓީމުގެ ވެސް ކުޅުންތެރިންގެ ހުނަރުވެރިކަމެވެ. ބާސެލޯނާގެ އަންސޫ ފާޓީއާއި ޕެޑްރީ އަދި ލެވެންޑޯސްކީ އާއި ރަފީނިއާ ފަދަ ކުޅުންތެރިންގެ ހުނަރު ފެނިގެން ދާއިނެ އިރު، ރެއާލްގެ ވިނިޝަސް ޖޫނިއާ އާއި ޕެޑްރޯގެ އިތުރުން ކަރީމް ބެންޒެމާގެ ތަފާތު މި މެޗުގައި ފެނިގެން ދާނެއެވެ. އެހެން ކަމުން މިރޭގެ އެލް ކުލެސިކޯގައި ދެޓީމުގެ ކުޅުންތެރިންގެ ވާދަވެރިކަން ވަރަށް ރަނގަޅަށް ފެނިގެން ދާނެއެވެ.

މިރޭގެ މެޗަށް ނިކުންނަ އިރު، ބާސާގައި އަނިޔާގެ މައްސަލަ ތަކެއް އުޅުނު ނަމަވެސް ރެއާލް އަށް މާ ބޮޑު އަނިޔާގެ މައްސަލެއް ނެތެވެ. ބާސާގައި މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުފންނާނެ ކަމަށް ބެލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ނެންފިސް ޑިޕޭ، ހެކްޓަރ ބެލެރިން،ރޮނާލްޑް އަރޫހޯގެ އިތުރުން އެންޑްރިއެސް ކްރިސްޓެންސަން ހިމެނެއެވެ.

ބާސާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މި މެޗު ރާއްޖޭ ގަޑިން މިރޭ 7:15 ގައި ފެށޭއިރު، މި މެޗު ކުޅެވޭނީ ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނަބެއުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް