އެބޯލާ ފެތުރޭތީ ޔުގެންޑާގެ ދެ ސަރަހައްދެއް ލޮކްޑައުން ކޮށްފި

އެބޯލާ ބަލި ފެތުރޭތީ ޔުގެންޑާގެ ދެ ޑިސްޓްރިކްޓެއް ލޮކްޑައުން ކޮށްފި އެވެ. އެ ގައުމުގެ ރައީސް ޔޮވެރީ މުސެވެނީ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރަން ނިންމީ މުބެންޑޭ އާއި ކައްސަންދާ ޑިސްޓްރ...

16 Oct 2022 | 08:06

އެބޯލާ ބަލި ފެތުރޭތީ ޔުގެންޑާގެ ދެ ޑިސްޓްރިކްޓެއް ލޮކްޑައުން ކޮށްފި އެވެ.

އެ ގައުމުގެ ރައީސް ޔޮވެރީ މުސެވެނީ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރަން ނިންމީ މުބެންޑޭ އާއި ކައްސަންދާ ޑިސްޓްރިކްޓެވެ. ދެ ޑިސްޓްރިކްޓުތައް ބަންދު ކުރީ ތިން ހަފްތާއަށެވެ.

ޔުގެންޑާ ސަރުކާރާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެބޯލާ އައުޓް ބްރޭކް އުޅެމުންދާ ސަރަހައްދުތަކުން މިހާތަނަށް58 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން19 މީހުން މަރުވެފައިވާ ކަމަށެވެ.

އެ ތަންތަން ލޮކްޑައުން ކުރުމަށް ފަހު އެޅި ފިޔަވަޅުތަކުގެ ތެރޭގައި ދީނީ އަޅުކަން ކުރާ ތަންތަނާއި، ނައިޓް ކްލަބްތައް އަދި މުނިފޫހިފުލުމުގެ ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައި އެވެ. މީގެ އިތުރުން އެ ދެ ޑިސްޓްރިކްޓުގައި ކާފިއު ހިންގަންވެސް ވަނީ ނިންމާފައި އެވެ.

އިތުރު ބޮޑެތި ފިޔަވަޅުތަކެއް ނޭޅީ މި ބައްޔަކީ ވައިގެ ތެރޭގައި ފެތުރޭ ބައްޔަކަށް ނުވާތީ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިފަހަރުގެ އައުޓް ބްރޭކްގައި ބަލި އެންމެ ފުރަތަމަ ފެނުނީ24 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. އެ މީހާ އާއި އެކު އާއިލާގެ ހަ މީހަކު ވަނީ މި މަސް ތެރޭގައި ބަލީގައި މަރުވެފައި އެވެ.

އެބޯލާ އާއި ދެކޮޅަށް ހުއްދަ ދީފައިވާ ވަކި ވެކްސިނެއް އުފައްދާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް