އަނެއްކާވެސް މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ބަލަނީ

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މިކަމާއި ގުޅޭގޮތުން ޖޭއެސްސީން މިއަދު ބުނެފައިވަނ...

16 Oct 2022 | 06:38

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޖޭއެސްސީން މިއަދު ބުނެފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާތީ، މި މައްސަލައާ ގުޅިގެން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް 2022 އޮކްޓޫބަރު 05 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާއިން ނިންމާ، މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

މެޖިސްޓަރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާއިރު މި އަހަރުގެ މާރިޗް މަހުގައިވެސް މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ މައްސަލައެއް ބަލަން ނިންމިއެވެ. އެގޮތުން މާރިޗް 3، 2022 ގައި ޖޭއެސްސީން ބުނެފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް މި ކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައި ވާތީ، 2022 މާރޗް 02 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 14 ވަނަ ޖަލްސާގައި އެ މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށެވެ.

ނަމަވެސް ސުލޫކީ އެ މައްސަލަ ނިމުނު ގޮތުގެ ތަފްސީލު އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް