މާލެއަތޮޅު ކާށިދޫއަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފަށްޓަވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެ އެވެ. އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން ކ. އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެ އެވެ. އަދި މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާ، އެރަށު ހެލްތު ސެންޓަރަށް ވެސް ޒިޔާރަތްކުރައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވަރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ބައްލަވައި ލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް