ވީނުވީއެއް ނޭނގި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝްހޫޤްޖީގެ މައްސަލައިގާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން ސައުދީ އަރަބިއްޔާ ބޮއިކޮޓް ކޮށްފިއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް ބުނެ އެމެރިކާއަށް މިދިޔަ އަހަރު ބަދަލުވި ޚަޝްހޫޤްޖީ ގެއްލުނީ ތުރުކީގައި ހުރި ސައުދީ އެމްބަސީއަށް ދިޔަ ފަހުންނެވެ. ތުރުކީ ފުލުހުން ތުހުމަތު ކުރާގޮތުގައި ޚަޝްހޫޤްޖީ ވަނީ މަރާލާފައެވެ. އެކަން ކުރީ ސައުދީގެ އެޖެންޓުންތަކެއް ތުރުކީއަށް އައިސް ކަމުގައި ތުރުކީ ފުލުހުން ތުހުމަތު ކުރެއެވެ.
މި މައްސަލައިގާ ސާފު ޖަވާބެއް ސައުދީއަށް ނުދެވޭއިރު، މިހާރު ސައުދީގައި ބާއްވަން ތައްޔާރުވަމުން އަންނަ ވިޔަފާރި ކޮންފަރެންސް، ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އަންނަނީ ބޮއިކޮޓް ކުރަމުންނެވެ.
އެގޮތުން އެ ކޮންފަރެންސް އެންމެ ފަހުން ބޮއިކޮޓް ކުރި ކުންފުންޏަކީ ގޫގަލްއެވެ. ގޫގަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިއާން ގްރީން، ސައުދީ ކޮންފަރެންސްގައި ބައިވެރިނުވާނެ ކަމަށެވެ. ސަބަބު ހާމަ ކުރެވެން ނެތް ކަމަށެވެ.
ގޫގަލް އެކަންޏެއް ނޫނެވެ. އުބަރ ކުންފުންޏާއި ފޯޑް ކުންފުންޏާއި ބްލެކްރޮކް ކުންފުނިން ވަނީ އެ ކޮންފަރެންސް ބޮއިކޮޓް ކޮށްފައެވެ. އަދި އެ ކޮންފަރެންސްގައި ބައިވެރިވާނެކަން ކުރިން ހާމަކޮށްފައިވާ ބޮޑެތި ވިޔަފާރިވެރިންވެސް އަންނަނީ އެކަން ކެންސަލް ކުރަމުންނެވެ.
ޚަޝްހޫޤްޖީ މައްސަލައިގާ ސައުދީ ހޫނުފެނަށް ވެއްޓިފައިވާއިރު، ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ޚަޝްހޫޤްޖީ ދިޔައީ، ތުރުކީއަށް ނިސްބަތްވާ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޚަދީޖާއާއި ކައިވެނި ކުރުމަށް، ސައުދީ އެމްބަސީން ހޯދަން ޖެހޭ ލިޔެކިޔުމެއް ހޯދާށެވެ. ސައުދީ އެމްބަސީއަށް ޚަޝްހޫޤްޖީ ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ. ނަމަވެސް ނިކުންނަތަން ނުފެނެއެވެ. ސައުދީން ބުނަނީ އޭނާ ކުރަން އައި ކަންތައް ކުރުމަށްފަހު އެމްބަސީގެ އެހެން ދޮރަކުން ނިކުމެގެން ދިޔައީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް