ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު، ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކާއި ގުޅިގެން، ކާކުކަން ނޭނގޭ ފަރާތަކުން ޒާހިދު ރަމީޒަށާއި އަދި އޭނާގެ އާއިލާ ބޭފުޅަކަށް މަރުގެ އިންޒާރުދީ މެސެޖުތަކެއް ފޮނުވާފައިވާތީ، އެކަން އެ ޕާޓީން ކުށްވެރި ކުރާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްބުނެ ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިންނަކީ އެކަކު އަނެކަކު ދަންނަ، ދެކެ ފަރިތަ ބަޔަކަށް ވުމާއެކު، ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމާއި އެއްބައެއް ވަންތަކަމަށް އަސަރުކުރުވާފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ހިތްހަމަނުޖެހުމެއް އުފެދޭ ކޮންމެ ފަހަރަކު، މާރާމާރީއަކާ ހަމައަށްގޮސް ހަމަނުޖެހުން އުފެދޭ ޒާތުގެ ކަންކަން ކުރުމަކީ މި ޕާޓީން އެއްގޮތަކަށްވެސް ތާއީކުރާ ކަމެއް ނޫން" ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބައެއް ނޫސްތަކުން މި ހަބަރު ކަވަރު ކުރިއިރު އެކަމަށް ތުހުމަތުކޮށްފައިވާ މީހަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް ބުނެފައިވާއިރު އެ ތުހުމަތު ކޮށްފައިވާ އަހުމަދު އަޝްރަފު (ޝުމްބާގޮންގް) އަކީ އެ ޕާޓީގެ މެމްބަރެއް ނޫން ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ޒާހިދު ރަމީޒުއަށާއި އޭނާގެ އާއިލާ ބޭފުޅަކަށް މަރުގެ އިންޒާރުދީ ފޮނުވާފައިވާ އެސްއެމްއެސްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށާއި އެ މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ޕާޓީގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވާކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް