ރިޔާސީ އިންތިހާބަކީ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވައި މި މެޗު ކާމިޔާބު ކުރައްވާނީ ފަސް ލަނޑު އެއްލަނޑުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާ ގުޅިގެން، ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެއަށް ރައްދު ދެއްވައިފިއެވެ.
މިރޭ އެ ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިކުމެ މި ތިބީ މެޗަކަށް ކަމަށާއި ފުރަތަމަ ބުރަކީ މެޗުގެ ފުރަތަމަ ހާފް ކަމަށެވެ. އަދި އެ ހާފްގައި ތިންލަނޑު އެއްލަނޑުން ބަލިވެއްޖެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި ނިކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެލަނޑު ޖަހާ، ފަސް ލަނޑު ދެލަނޑުން މި މެޗު ކާމިޔާބު ކުރާނަން” ރައީސް ސޯލިހް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި ޖަމީލު ވިދާޅުވީ، ގޭމް މިހާރު ނިމިއްޖެ ކަމަށާއި، މިފަހަރުވެސް ރިއެކްޓް ކުރެއްވީ މާ ލަހުން ކަމަށެވެ.
"އިބޫ އާއި އެކު ޕާޓީތައް މިނިމެމުންދާ ދައުރުގައި ކޯލިޝަން ހެދީ އިބޫ ނޭގޭތީ. މިއަދު އެއްވެސް ޕާޓީއަކުން އިބޫއާއިއެކު ކޯލިޝަން ހަދަން ބޭނުމެއް ނުވޭ. ދެންވެސް އެމްޑީޕީން ކޯޗް ވަކިކޮށް ބަދަލު ގެންނަންވީ" ޖަމީލް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިރޭ ވިދާޅުވެފައި ވަނީ، 'މެޗް' ކާމިޔާބު ކުރުމަށްޓަކައި ހާފްޓައިމްގައި ޗޭންޖިން ރޫމަށް ވަދެ ރާވާލާފައިވާނެ ކަމަށާއި ދެވަނަ ހާފްގައި މި ނިކުންނަނީ ބައެއް ބަދަލުތަކާއެކުގައި އެޓޭކް މޯޑުގައި ކަމަށެވެ. ދެން ޖަހާނީ ގޯލަކަށްފަހު ގޯލެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ ފުރަތަމަ ބުރުގައި ވޯޓުނުލާ ގިނަ ބަޔަކު ތިބި އިރު ރީ ރަޖިސްޓްރޭޝަންގެ ކަންކަން ރަނގަޅަށް ގެންގޮސް އެއަށްފަހު ދޮރުން ދޮރަށް ހިނގާ ވެރިކަން ބަދަލުވެއްޖެނަމަ ދެން ވާނެގޮތް ރައްޔިތުންނަށް ރަނގަޅަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި ބިރުވެރިކަމާ ނާމާންކަން ގެންނަން ރައްޔިތުން ނޭދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް