މި މެޗު ކާމިޔާބުކުރާނީ ފަސްލަނޑު ދެލަނޑުން: ރައީސް ސޯލިހް

ރިޔާސީ އިންތިހާބަކީ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވައި މި މެޗު ކާމިޔާބު ކުރައްވާނީ ފަސް ލަނޑު އެއްލަނޑުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެ...

16 Sep 2023 | 18:09

ރިޔާސީ އިންތިހާބަކީ ފުޓްބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވައި މި މެޗު ކާމިޔާބު ކުރައްވާނީ ފަސް ލަނޑު އެއްލަނޑުން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ އެ ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ނިކުމެ މި ތިބީ މެޗަކަށް ކަމަށާއި ފުރަތަމަ ބުރަކީ މެޗުގެ ފުރަތަމަ ހާފް ކަމަށެވެ. އަދި އެ ހާފްގައި ތިންލަނޑު އެއްލަނޑުން ބަލިވެއްޖެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި ނިކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެލަނޑު ޖަހާ، ފަސް ލަނޑު ދެލަނޑުން މި މެޗު ކާމިޔާބު ކުރާނަން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަމަށްޓަކައި ހާފްޓައިމްގައި ޗޭންޖިން ރޫމަށް ވަދެ ރާވާލާފައިވާނެ ކަމަށާއި ދެވަނަ ހާފްގައި މި ނިކުންނަނީ ބައެއް ބަދަލުތަކާއެކުގައި އެޓޭކް މޯޑުގައި ކަމަށެވެ. ދެން ޖަހާނީ ގޯލަކަށްފަހު ގޯލެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ ފުރަތަމަ ބުރުގައި ވޯޓުނުލާ ގިނަ ބަޔަކު ތިބި އިރު ރީ ރަޖިސްޓްރޭޝަންގެ ކަންކަން ރަނގަޅަށް ގެންގޮސް އެއަށްފަހު ދޮރުން ދޮރަށް ހިނގާ ވެރިކަން ބަދަލުވެއްޖެނަމަ ދެން ވާނެގޮތް ރައްޔިތުންނަށް ރަނގަޅަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި ބިރުވެރިކަމާ ނާމާންކަން ގެންނަން ރައްޔިތުން ނޭދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް