ޖޭޕީއަށް ތާއީދު ކުޑަވީ ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކޮށްދޭތީ: ގާސިމް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި މަދު ވޯޓު ލިބުނީ ތާއީދު ނެތުމުން ކަމަށާއި، އޭގެ ސަބަބަކީ ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކުރެވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއް...

16 Sep 2023 | 12:52

މި އަހަރުގެ ރިޔާސީ އިންތިހާބުގައި މަދު ވޯޓު ލިބުނީ ތާއީދު ނެތުމުން ކަމަށާއި، އޭގެ ސަބަބަކީ ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކުރެވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، އިންިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން ނިންމުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރަްއވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން 2008 ވަނަ އަހަރުގެ އިންތިހާބުގައި27 ހާހަށްވުރެ ގިނަ ވޯޓި ލިބި،2013 ވަނަ އަހަރު50 ހާހެއްހާ ވޯޓު ލިބުނު ނަމަވެސް މި އިންތިހާބުގައި ފަސް ހާހެއްހާ ވޯޓު ލިބި، ނަތީޖާ އެހާ ދަށްވީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ އެގޮތަށް ދިމާވީ ތާއީދު ނެތުމުން ކަމަށެވެ.

"އެއީ ތާއީދު ނެތީމަ ނޫންތޯ.މި ދެންނެވިހެން ވާތީ. އެކަހަލަ ވިޔާނުދާ ސަރުކާރުތައް ގެންނަން މަ މަސައްކަތް ކޮށްދޭތީ. ކީއްކުރަންތޯ މަގޭ އިއްޒަތުއް ނަފްސު ނަގާލަން" ގާސިމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ވިޔާނުދާ ކަންތައްތަކުގެ ސަބަބުން، އެ ޒިންމާ ގާސިމްގެ ބޮލުގައިވެސް އެޅޭތީ މީހުންގެ ތާއީދު ކުޑަވެ، ވޯޓު މަދުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން ހިންގި ކަމަށާއި، މިސަރުކާރުން އިންޑިޔާ ސިފައިން ބައިތިއްބާ ކަމަށް ގާސިމް ވިދާޅުވެ، ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު ނިންމާފައި ވަނީ ޕީޕީއެމް އަދި އެމްޑީޕީއަށްވެސް ނޫނެކޭ ބުނުމަށެވެ.

އެގޮތުން ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިނުގަތުމަށް ނިންމި ނިންމުމާ މެދު ގާސިމް ވިދާޅުވީ އިނޑިޔާއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުން ތަކާއި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ތިބުމުގެ އެއްބަސްވުމުގައި ހުރި ވާހަކަތައް ޔަގީން ކުރެވުނު ނަމަ މި ނިންމުން މިފަދައިން ނިންމަން ނުޖެހުނީސް ކަމަށެވެ.

ޕީޕީއެމްގެ ފަހަތަށް ނާރަން ނިންމި ސަބަބާމެދު ގާސިމް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ދައުލަތަށް ވަރަށް ބޮޑަށް ހިޔާނާތްތެރި ވެފައިވާ ކަމަށާއި ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ.

“މިހާރުވެސް އެބަ ހިނގާ ދެއްތޯ އެ މައްސަލަތައް ޝަރީއަތުގަވެސް. އެހެންވީމަ އެ ހުރިހާ ކަމެއް ބޮލުގަ އެޅޭއިރު އަޅުގަނޑުގެ ބޮލުގަވެސް އެބަ އެޅޭ. އަޅުގަނޑު ތާއީދު ކޮށްގެން އައި ސަރުކާރުތަކެއް. ރައްޔިތުން އަޅުގަނޑުގެ ބޮލުގަ އެބަ އަޅުވާ” ގާސިމް ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބައެއްގެ ފަހަތަށް ނާރަން ނިންމި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ސިޔާސީ މަސައްކަތްތައް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބު ވެވަޑައިގެންނެވި ޖޭޕީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ2.4 އިންސައްތަ ވޯޓެވެ. އަށް ކެނޑިޑޭޓުން ވާދަ ކުރެއްވި އިރު، އެއީ ފަސް ވަނައެވެ.

(1) Ahmed Nihan on X: “JP Council ge nimmumakeee 2 vana buru gai ehvvves candidate akah thaaeedhu nukurun.” / X (twitter.com)

ދެވަނަ ބުރަކަށް ގޮސްފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެން/ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ދެބޭފުޅުންގެ ފަރާތުންވެސް ވަނީ ގާސިމާ ބައްދަލު ކުރައްވާފައެވެ. އަދި ކޯލިޝަނަކާ މެދު މަޝްވަރަށް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް