ޔާމީނު ވެރިކަމުގެ އިގްތިސޯދީ ޓީމާއެކު މުޅި ޕްލޭން ވަނީ ތަސައްވަރު ކުރެވިފަ: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ތިބި އިގްތިސޯދީ ޓީމު އަދިވެސް އެކުގައި އެބަ އޮތް ކަމަށާއި، ތަރައްގީގެ މުޅި ޕްލޭން ތަސައްވަރު ކުރެވިފަވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހަ...

16 Sep 2023 | 08:03

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ތިބި އިގްތިސޯދީ ޓީމު އަދިވެސް އެކުގައި އެބަ އޮތް ކަމަށާއި، ތަރައްގީގެ މުޅި ޕްލޭން ތަސައްވަރު ކުރެވިފަވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް މިއަދު ހއ. ފިއްލަދޫއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، ޕީއެންސީގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) މީގެ ކުރިން ފިއްލަދޫއަށް ވަޑައިގެންފައި ވާނެ ކަމަށެވެ. އަދި އެރަށަށް ކޮށްދޭނެ ކަންތައްތަކުގެ ގޮތުގައި ސެމްބެ ވިދާޅުވި ކަންތައްތައް ހަމަ އެ ގޮތަށް ކޮށްދެއްވާނެ ކަމަށެވެ.

މިެ ހިނގާ ސަރުކާރުގއ ފަސް އަހަރު ނިމިގެން ދާއިރު ތަރައްގީގެ މަޝްރޫއުތަކުގެ ކަންކަން ހުރީ ނުވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ފަށާފައިވާ ބައެއް މަޝްރޫއުތައްވެސް ހުއްޓިފައި ވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދެން ރައްޔިތުންނަށް ބާރު ލިބެނީ ކުރިއަށް އޮތް ފަސް އަހަރު ކަންކަން ކުރާނެ ކަމުގެ ބާރު ކަމަށާއި، ޕީޕިއެމް/ޕީއެންސީއިން އިންތިހާބަށް ނުކުމެ ތިބީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވެފއިަ ހުރި ކަންކަމަކީ ރައްޔިތުންނަށް ވަރަށް މުހިންމު ކަންތައްތަކެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ވައުދުތައް ވާއިރު، ނިޔަތާއެކު، ކަން ކުރާނެ ގޮތާއި ފައިސާގެ ތަފްސީލު އެންގެން ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ހޮވާ ރައީސްކަމުގެ ޒިންމާ އެމަނިކުފާނާ ހަވާލު ކޮށްފިނަމަ ރައްޔިތުން ބޭނުންވާ އިގްތިސޯދީ ތަރައްގީ ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް