25ގައި ނުނިމޭ، 27 އާއި ހަމައަށް ބޯ ހިމަނާނެ

ބޯހިމެނުން 2022 މި މަހުގެ 25ގެ ނިޔަލަށް ކުރިއަށްގެންދަން ކުރިން ނިންމާފައިވީނަމަވެސް މި މަހުގެ 27 އާއި ހައަށް ބޯހިމެނުން ކުރިއަށްގެންދާނެކަމުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިނ...

16 Sep 2022 | 13:00

ބޯހިމެނުން 2022 މި މަހުގެ 25ގެ ނިޔަލަށް ކުރިއަށްގެންދަން ކުރިން ނިންމާފައިވީނަމަވެސް މި މަހުގެ 27 އާއި ހައަށް ބޯހިމެނުން ކުރިއަށްގެންދާނެކަމުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފިއެވެ.

27 އާއި ހަމައަށް ކުރިއަށްގެންދަންޖެހުނީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމޭޓަރުން ނުލިބުމުގެ ސަބަބުންކަމުގައި ބުނެފައިވެއެވެ.

ބޯހިމެނުން 2022

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމެއް މަދުވެގެން ކޮންމެ 10 އަހަރަކުން އެއް އަހަރު އެއް ފަހަރު ބާއްވަންޖެހެއެވެ. މިގޮތުން 13 އިން 25 ސެޕްޓެމްބަރ 2022 އަށް ބޯހިމެނުން ބޭއްވުމަށްވަނީ ކަނޑައެޅިފައެވެ. ބޯހިމެނުން ފުރިހަމަވާނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިން އަދި ބިދޭސީން ހިމެނިގެންނެވެ.

ބޯހިމެނުމުގެ މައުލޫމާތު އެއްކުރާ ޓީމްތައް ހަރަކާތްތެރިވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 19:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 09:00 އިން ހެނދުނު 11:00 އަށް އަދި 14:30 އިން 19:00 އަށް ޓީމްތަކުން މަސައްކަތް ކުރާނެއެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ރޭގަނޑު ގަޑީގައި ހަރަކާތްތެރިވާނެއެވެ.

ސަމާލުވާންވާނެ

ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގައި ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުއްދަ ދެވިފައިވާ މީހެއްކަން އަންގައިދޭ ފާހެއް ދޫކުރެވިފައިވާނެއެވެ. މައުލޫމާތު ދިނުމުގެ ކުރިން އެއީ މި ފާސް އޮތް މީހެއްތޯ ބެލުމަކީ އާންމު ރައްޔިތުންގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ. އަދި އިތުރަށް ޔަގީންކުރަން ބޭނުންވެއްޖެނަމަ މި ބިއުރޯގެ ވެބްސައިޓުން ޗެކްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ޗެކް ކުރުމަށް ތިރީގައިވާ ލިންކު ބޭނުންކުރެވިދާނެ

https://census.stag.mpao.mv/

ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތު

13 އިން 14 ސެޕްތެމްބަރުގައި ބޯހިމެނުމުގެ ލިސްޓިންގ ނަގާއިރު ކޮންމެ ގެއެއް ވަކިން އަދި ބުރިބުރިއަށް ހަދާފައިހުރި އިމާރާތެއްނަމަ އެތަނުގެ ތެރޭގައި ހުރި އެޕާޓްމަންޓްތަކާއި މަސައްކަތްހިންގާ ތަންތަން ވަކިން ފާހަގަކުރާނެއެވެ. އަދި ބޯހިމެނުން ހަވާލާދޭ ވަގުތު 13 ސެޕްޓެމްބަރ 00:00 ގައި އެތަނެއްގައި ނިދާ ދިރިއުޅުނު މީހުން ދެނެގަނެ ލިސްޓު ކުރާނެއެވެ. ލިސްޓިންގައި ނެގޭ މައުލޫމާތުގެ ތެރޭގައި ތަނުގައިހުރި ކޮޓަރީގެ އަދަދު، ގޭބިސީގެ އިސްމީހާ، މަސައްކަން ހިންގާ ތަނެއްނަމަ މުވައްޒަފުންގެ އަދަދު، ގުޅޭނެ ނަންބަރު ފަދަ މައުލޫމާތު ހިމެނެއެވެ. މީހަކާ ދިމާނުވާނަމަ ޓީމްތަކުން އެކިފަހަރުމަތިން ބަލާ ދިމާނުވާތަންތަނށް، އެޓީމާއި ގުޅޭނެ ނަމްބަރު އެނގޭނެހެން ފްލަޔަރ އެއްލާނެއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ތަފާސްހިސާބު އެއްކުރުމުގެ ބޭނުމުގައި އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ކުރާ ސާވޭތަކުގައި ހޯދާ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު ބޭނުންކުރަންވާނީ، ހަމައެކަނި ސާވޭގެ ބޭނުމަށްޓަކައި، ވަކި ފަރާތެއްގެ މައުލޫމާތު ހާމަނުވާނެގޮތުގެމަތިންނެވެ. އެއްވެސް ހާލެއްގައި އަމިއްލަ ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ. ތަފާސްހިސާޞު އެކުލަވާލުމަށްޓަކައި ވަކިވަކި ފަރުދުންނާއި، ވިޔަފާރިފަދަ ތަންތަނުން އެއްކުރާ ފަރުދީ މައުލޫމާތު އެކުލެވޭ ޑޭޓާ ބޭނުންކުރެވެންވާނީ ހަމައެކަނި ތަފާސްހިސާބު އެކުލަވާލުމަށެވެ. ރަސްމީ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން އެފަދަ މައުލޫމާތު އެކުލެވޭ ޑޭޓާގެ ސިއްރު ހިފެހެއްޓުން ލާޒިމުވެގެންވެއެވެ.

އަދި ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫގެ 41 ވަނަ މާއްދާގެ (ށ)ގެ ދަށުން ބޯހިމެނުންތަކަށް މައުލޫމާތުދިނުމަކީ ކޮންމެ ރައްޔިތަކަށް ލާޒިމުކުރާ ކަމެކެވެ. އަދި މި ގާނޫނުގެ ދަށުން ބާރުލިބިގެން ތަފާސް ހިސާބު އެއްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުއްދަ ދީފައިވާ އޮފިސަރަކު އާންމު ފަރުދުންގެ ކިބައިން މައުލޫމާތަކަށް އެދިއްޖެ ހިނދެއްގައި އެ ފަރާތްތަކަށް ތެދު މައުލޫމާތު ދޭންވާނެއެވެ.

ޝަކުވާއެއް ވާނަމަ

މި މަސައްތާއި ގުޅޭގޮތުން ޝަކުވާއެއް ހުށަހެޅުމަށް ބޭނުންފުޅުވެލައްވާނަމަ އެ ބިއުރޯގެ ވެބްސައިޓްގައިވާ ޝަކުވާ ފޯމު https://census.gov.mv/2022/complaints  ފުރިހަމަކުރުމަށްފަހު ސަބްމިޓްކޮށްލައްވާށެވެ. އަދި ޒިޔާރަތްކޮށް ހާޑް ކޮޕީއަކުންވެސް މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާނަމަ ބޯހިމަނާ މައި މަރުކަޒު، ދަރުބާރުގެއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުމަށް ދަންނަވައެވެ.  ފޯނުން މައްސަލަ ހުށަހެޅުއްވުމަށް ބޭނުންފުޅުވާނަމަ އެ ބިއުރޯގެ ހޮޓްލައިން އަށް ގުޅުއްވައިގެންވެސް ހުށަހެޅުއްވިދާނެ ވާހަކަ ދަންނަވައެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް ބޭނުންފުޅުވެލައްވާނަމަ އެ ބިއުރޯގެ ހޮޓްލައިން ނަންބަރު 1423 އަށް ގުޅުއްވުމަށް އެ ބިއުރޯއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް