ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ދިވެހިން ތަމްރީނުކުރުމަށް ފުލުހުންނާއެކު ޕްރޮގްރާމެއް – ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައި

ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ދިވެހިން ނެރުމަށް ޕްރޮގްރާމެއް ރާވައި އެ ޕްރޮގްރާމަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލައި މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހ...

16 Sep 2022 | 10:08

ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ދިވެހިން ނެރުމަށް ޕްރޮގްރާމެއް ރާވައި އެ ޕްރޮގްރާމަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލައި މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި އެ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ދަށުން ހިންގާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އާ ގުޅިގެން ސެކިއުރިޓީ އޮފިސަރސް އިނިޝިއަލް ޓްރެއިނިންގ (އެސްއޯއައިޓީ) ޕްރޮގްރާމެއް ކުރިއަށް އޮތް މަހުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ސެކިއުރިޓީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިދީ،  މި ދާއިރާގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާ އިތުރަށްކުރިއެރުވުން ކަމަށާއި މީގެ އިތުރުން، މި ދާއިރާއަށް ބޭނުންވާ ދިވެހި މުވައްޒަފުން ތަމްރީނުކޮށް އަދި ދިވެހި މުވައްޒަފުންނަށް ފުރުސަތު ލިބުމުގައި ހުރި ދަތިތައް ނައްތާލުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ އަމާޒެއް ކަމުގައި ބުނެފައިވެއެވެ.

"ސެކިއުރިޓީ ދާއިރާއަކީ ޕްރޮފެޝަންއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ އަދި ގިނަގުނަ ފުރުސަތުތަކެއް އެކުލެވިގެންވާ ދާއިރާއެއްކަމުން،މި ދާއިރާއަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން ތަމްރީނުކޮށް، ވަޒީފާގެ ބާޒާރަށް ނެރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެކެވެ. އެގޮތުން، މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތައް މި ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ފަހި ވެގެންދާނެއެވެ." ޓްރޭޑް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 30 ސެކިއުރިޓީ އޮފިސަރުން ތަމްރީން ކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި  ދ.ވާނީގައި، 14 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ސަރުކާރުން 100 އިންސައްތަ ފަންޑުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި ޕްރޮގްރާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޖޮބް ސެންޓަރު ޕޯޓަލް (https://jobcenter.mv) މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 13 އޮކްޓޫބަރު 2022 ގެ ނިޔަލަށް ހުޅުވާލެވިފައިވާނެކަމުގައި މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް