މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ މަސް ފިހާރައެއް ހުޅުމާލެ ފޭސް ދޭއް، ހިޔާ ފްލެޓްސް ސަރަހައްދުގައި ހުޅުވައިފިއެވެ.
މުޅިން އާ، މި ފިހާރަ ހުޅުވައި ހިދުމަތް ދޭން ފަށާފައިވަނީ ރޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިފްކޯއިން ހާމަކޮށްފައިވާގޮތުގައި މިފްކޯ މަސްފިހާރަ ފޭސް ދޭއްގައި ހުޅުވަން އެ ކުންފުނިން ނިންމާފައިވަނީ ބޮޑު އާބާދީއެއް އޮންނަ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ހެޔޮއަގުގައި، ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށެވެ.
"އަޅުގަނޑުމެން މިފްކޯއިން ހުޅުމާލެ ފޭސް ދޭއްގައި މަސްފިހާރައެއް މި ހުޅުވީ ހުޅުމާލެ ފޭސް ދޭއްގައި އުޅޭ ރައްޔިތުންނަށް މިފްކޯގެ ޕްރޮޑަކްޓްސްތައް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައެވެ. މިފްކޯއަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏަކަށްވެފައި މި ފިހާރަވެގެންދާނީ މިފްކޯގެ ހިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކަށެވެ." ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ޗެއާމަން ހުސެން އަމްރު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯގެ ފަރާތުން އާ އުފެއްދުންތައް މިހާރުވެސް އަންނަން އެބަހުރި ކަމަށާއި ކައިރި މުސްތަގްބަލެއްގައި ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ނިމި، މި އުފެއްދުންތައްވެސް މާކެޓަށް ނެރެވިގެންދާނެ ކަމަށެވެ.
އާންމުންގެ އިތުބާރު ހޯދައިވާ މިފްކޯގެ ހުރިހާ އުފެއްދުމެއް މެދުކެނޑުމެއްނެތި ލިބެން ހުންނާނެ އެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިފްކޯގެ ފަރާތުން ކުންފުނީގެ އުފެއްދުންތައް ރަހަބަލާލުމުގެ ފުރުސަތު އާންމުންނަށް ރޭގައި ހުޅުވާލިއެވެ.
އެގޮތުން ޝެފް ނަހީޒް (ނާބެ) ވަނީ މިފްކޯގެ ކަސްޓަމަރުންގެ އެންމެބޮޑު ތަރުހީބު ލިބިފައިވާ އުފެއްދުންތަކާއި އަލަށް ތައާރަފްކޮށްފައިވާ ތެޔޮ އުކާލަން ނުޖެހޭ "ޑްރެއިން ކަނޑުމަސް ޗަންކްސް" މަސްދަޅު ބޭނުންކޮށްގެން ރަހަމީރު ޑިޝްތަކެއް އެކުލަވާލާފައެވެ.
ރޭ ބޭއްވި މިރަސްމިއްޔާތުގައި މިފްކޯ މަސްފިހާރަ ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އާއި މިފްކޯގެ ޗެއާމަން ހުސެން އަމްރު އެވެ.
އެހެން ފިހާރަތަކެކޭ އެއްފަދައިން މާލެ ސަރަހައްދުގެ ހަތަރު ވަނަ މި މަސްފިހާރަވެސް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށް ހިޔާ ފްލެޓްގެ ޓަވަރ ދޭއްގެ ގްރައުންޑް ފްލޯގައި ކަމުގައި މިފްކޯއިން ބުނެއެވެ.
މިފްކޯ މަސްފިހާރައިން ލިބެން ހުންނަ އުފެއްދުންތަކުގެ ތެރޭގައި ކަސްޓަމަރުންގެ ލޯބި ލިބިފައިވާ ފަސްމީރު ބްރޭންޑްގެ ދަޅުމަސް، ގަނޑުކުރި އަދި ހިކިމަހުގެ ބާވަތްތަކާއި ވަގުތުން ތައްޔާރޮށްލެވޭ މަހުގެ އުފެއްދުންތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް